ދަރިމައިވުމުން ދުރުހެލިވުމަށްޓަކައި ނުވަތަ އާއިލާ ރޭވުމަށްޓަކައި މިހާތަނަށް އާންމުކޮށް ބޭނުންކުރެވެމުން އައިސްފައިވަނީ އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ވަސީލަތްތަކާއި ބޭސްތަކެވެ. ނަމަވެސް، ދާދިފަހުން ކޯނެލް ޔުނިވަރސިޓީގެ ސައިންސްވެރިން ވަނީ ފިރިހެނުންނަށް ބޭނުންކުރެވޭނެ، ރައްކާތެރި އަދި އަލުން އަނބުރާ ކުރީގެ ހާލަތަށް ރުޖޫޢަވެވޭ ފަދަ އައު ފަރުވާއެއް ހޯދައިފައެވެ. މިއީ ސައިންސްވެރިން އެތައް އަހަރެއް ވަންދެން ހޯދުމަށް މަސައްކަތް ކުރަމުންދިޔަ "ހޯލީ ގްރެއިލް" ނުވަތަ އެންމެ މުހިންމު އެއް ހޯދުމުގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މީދާތަކެއް ބޭނުންކޮށްގެންނެވެ. މި ހޯދުމުގައި ސައިންސްވެރިން ބޭނުންކޮށްފައިވަނީ "ކިއު.ޖޭ-1" ނަމަކަށް ކިޔާ މާއްދާއެކެވެ. މި މާއްދާގެ އެހީގައި، ދަރިފަނި އުފެދުމަށް މެދުވެރިވާ އެންމެ މުހިންމު މަރުހަލާ ކަމަށްވާ "މެޔޯސިސް" ވަގުތީ ގޮތުން ހުއްޓުވައިލެވެއެވެ. މިއީ އެއްވެސް ހޯރމޯނެއް ބޭނުންކުރުމެއް ނެތި، ދަރިފަނި އުފެއްދުން މުޅިން ހުއްޓުވައިލުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ހޯދުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިއީ ހަށިގަނޑަށް ދާއިމީ އެއްވެސް ގެއްލުމެއް ލިބޭ ކަމެއް ނޫން ކަމެވެ. މި ބޭސް ދިނުން ހުއްޓައިލުމާއެކު، ދަރިފަނި އުފެދުމުގެ މަސައްކަތް އަލުން ފެށި، ދަރިމައިވުމުގެ ގާބިލުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަނބުރާ ލިބެއެވެ. އަދި މިގޮތަށް ދަރިމައިވުމުގެ ގާބިލުކަން އިއާދަވުމަށްފަހު އުފަންވާ ދަރިންނަކީ އެއްވެސް ސިއްހީ މައްސަލައެއް ނެތް، ދުޅަހެޔޮ ދަރިންކަންވެސް މި ދިރާސާއިން ވަނީ ކަށަވަރުވެފައެވެ.
ކޯނެލް ޔުނިވަރސިޓީގެ މި ހޯދުމަކީ ސިއްހީ ދާއިރާގައި، ވަކިން ޚާއްޞަކޮށް އާއިލާ ރޭވުމުގެ ދާއިރާގައި އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެކެވެ. މިކަމުގެ ސަބަބުން ހޯރމޯނަށް އަންނަ ބަދަލުތަކުން ސަލާމަތްވެ، ރައްކާތެރިކަމާއެކު ދަރިމައިވުމުން ދުރުހެލިވުމުގެ ފުރުސަތު އާއިލާތަކަށް ފަހިވެގެންދާނެއެވެ. މިއީ މުސްތަގުބަލުގައި އިންސާނުންނަށް ބޭނުންކުރެވޭނެ ފަދަ ރައްކާތެރި ބޭހަކަށް ވެގެންދާނެ ކަމަށް ސައިންސްވެރިން އުއްމީދު ކުރެއެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
