އިންސާނާގެ ހަށިގަނޑަކީ ވަރަށް ފުރިހަމަ ނިޒާމުތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްޗެކެވެ. މީގެ ތެރެއިން ކުޑަކަމުދިއުމުގެ ނިޒާމަކީ ހަށިގަނޑުން ބޭކާރު މާއްދާތަކާއި ވިހަ މާއްދާތައް ބޭރުކޮށްދޭ މުހިންމު ނިޒާމެކެވެ. ނަމަވެސް ބައެއް ފަހަރު މަސައްކަތުގެ ބުރަކަމުން ނުވަތަ ކަންނެތްކަމުން، ކުޑަކަމުދާން ޖެހުމުންވެސް އެކަން ފަސްކޮށް، ގިނައިރު ވަންދެން ކުޑަކަމުނުގޮސް ހިފަހައްޓައިގެން ތިބުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ކަމެކެވެ. މެޔޯ ކްލިނިކްގެ ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ސިއްހީ ގޮތުން ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
މާގިނައިރު ހީސް ހިފަހައްޓައިގެން ހުރުމުން ކުރިމަތިވާ އެންމެ އާންމު އެއް މައްސަލައަކީ ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަން ނުވަތަ ޔޫ.ޓީ.އައި ޖެހުމެވެ. މަސާނާގައި ގިނައިރު ވަންދެން ކުޑަކަމުދާ ތަކެތި ހުރުމަކީ ބެކްޓީރިއާ އާލާވުމަށް މަގުފަހިވާ ކަމެކެވެ. މިގޮތަށް އާލާވާ ބެކްޓީރިއާގެ ސަބަބުން ކުޑަކަމުދާ ހޮޅިއާއި މަސާނާގައި ޖަރާސީމު އުފެދި، ކުޑަކަމުދާއިރު ދިލަނެގުމާއި، ގިނަގިނައިން ކުޑަކަމުދާން ޖެހުން ފަދަ އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.
ދިގު މުއްދަތަކަށް ހީސް ހިފަހައްޓާނަމަ މަސާނާގެ މަސްތަކަށް ލޮޑުކަން ލިބި، މަސާނާ ދެމި، އޭގެ ބާރު ދެރަވެއެވެ. މެޔޯ ކްލިނިކްގެ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި، މިގޮތަށް މަސާނާގެ މަސްތައް ބަލިކަށިވުމުން، ކުޑަކަމުދާން ބޭނުންވާ ވަގުތު މަސާނާ އެއްކޮށް ހުސްނުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މީގެ އިތުރުން، ކުޑަކަމުދާ ތަކެތި ކޮންޓްރޯލް ކުރުމަށް އެހީތެރިވާ "ޕެލްވިކް ފްލޯ" މަސްތަކަށް ބާރުބޮޑުވެ، ފަހުން އަމިއްލައަށް ނޭނގި ކުޑަކަމުދެވޭ ގޮތް މެދުވެރިވެދާނެއެވެ.
ކުޑަކަމުދާ ނިޒާމަށް ކުރިމަތިވާ އަނެއް ނުރައްކަލަކީ ކިޑްނީ ނުވަތަ ގުރުދާއަށް ލިބޭ ގެއްލުންތަކެވެ. މަސާނާ ފުރިފައި ހުންނަ ވަގުތު ހީސް ބޭރުނުކޮށް ހިފަހައްޓާނަމަ، ބައެއް ފަހަރު ކުޑަކަމުދާ ތަކެތި އަނބުރާ ކިޑްނީއާ ދިމާއަށް ދިއުމުގެ ފުރުސަތު އޮވެއެވެ. މީގެ ސަބަބުން ކިޑްނީގައި އިންފެކްޝަން އުފެދުމާއި، ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވެއެވެ. މިފަދަ ހާލަތްތަކަކީ ވަރަށް ބޮޑު ތަދެއް އިހުސާސް ކުރަންޖެހޭ އަދި ފަރުވާ ނުކޮށްފިނަމަ ކިޑްނީ ފެއިލްވުމަށްވެސް މެދުވެރިވާ ކަންކަމެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ކުޑަކަމުދާން ބޭނުންވުމުން އެކަން ފަސްނުކޮށް ވަގުތުން ކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަށިގަނޑުން ފޮނުވާ ގުދުރަތީ ސިގްނަލްތަކަށް އިޖާބަދިނުމަކީ ބޮޑެތި ބަލިތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، މެޔޯ ކްލިނިކް ފަދަ އިތުބާރު ހުރި ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް، ގިނައިން ފެންބޮއެ، ގަވާއިދުން ކުޑަކަމުދިއުމުގެ އާދަ އަޅުގަނޑުމެން ހަރުލައްވަން ޖެހެއެވެ.
ހަވާލާ: މެޔޯ ކްލިނިލް 2025.
