އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރައި، ރާއްޖޭގެ އެންމެ މަގުބޫލު ޓޫރިޒަމް މާކެޓުގެ މަގާމު އެ ގައުމުން ދަމަހައްޓައިފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ޗައިނާއިން 100,185 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 15 ޕަސަންޓެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 684,908 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ޗައިނާއަށްފަހު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. އެ ގައުމުން 84,739 ޓޫރިސްޓުން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 65,105 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަން އަދި އިންޑިއާ ފަދަ ގައުމުތައް ވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގަދަ 10 ގައުމުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގެ މިއަހަރުގެ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ، ޓޫރިސްޓުން އަންނަ އަދަދު މަދުވުމަކީ މި އަމާޒަށް ވާސިލްވުމަށް އޮތް ގޮންޖެހުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންނަމަވެސް، ޗައިނާ މާކެޓު ކުރިއަރަމުން އައުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ބޮޑު އުންމީދެކެވެ.
