އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މީހުންގެ މެދުގައި މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ، އެ ސިޓީގައި އުޅޭކަމަށް ބުނާ ބިޔަ ބޮނޑެއް ނުވަތަ "ކޮމޯޑޯ ޑްރެގަން" އެއްގެ ވާހަކައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ވަށައިގެން އޮންނަ ކުޅީގެ ތެރޭގައި ފިލައިގެން އުޅޭކަމަށް ބުނާ މި ޖަނަވާރުގެ ސަބަބުން ގިނަ ބައެއްގެ ހިތްތަކަށް ވަނީ ބިރުވެރިކަން ވަދެފައެވެ. ފާއިތުވި ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މި ސަރަހައްދުން މި ބޮނޑު ފެނިފައިވާކަމަށް ގިނަ ބަޔަކު ހެކިދެއެވެ.
މި ބޮޑު ޖަނަވާރު ރާއްޖޭގެ ދެކުނުގެ މި ސިޓީއަށް އައީ ކިހިނެއްކަމާމެދު އާންމުންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވެއެވެ. އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިއީ އައްޑޫ ޕޯޓަށް ގެނައި ހިލަ ފަދަ ކޮންސްޓްރަކްޝަން ސާމާނުތަކެއްގެ ތެރޭގައި ފިލާ އޮވެގެން ރާއްޖެ އެތެރެވި އެއްޗެކެވެ. އެންމެ ފުރަތަމަ އޭތި މީހުންނަށް ފެނުނުއިރު އޮތީ އާދައިގެ ކުޑަ އިގުއާނާއެއްގެ ސައިޒަށެވެ. ނަމަވެސް މިއަދު އޭތި ވަނީ ބޮޑުވެ، ބިރުގަންނަ ފަދަ ސިފައަކަށް ބަދަލުވެފައެވެ.
އައްޑޫގެ ބައެއް ރައްޔިތުން ކިޔައިދޭ ގޮތުގައި، މި ބޮނޑު އެންމެ ކުޑައިރު މީގެ ފަސް ވަރަކަށް އަހަރު ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. އޭތި ހިފައިގެން ގެންގުޅެނިކޮށް، ފުލުހުންގެ އަތުން ދޫވެގެން ގޮސް ކުޅީގެ ތެރެއަށް ވަނީކަމަށް އާންމުންގެ ތެރޭގައި ވާހަކަ ފެތުރިފައިވެއެވެ. އޭގެ ފަހުން ފާއިތުވި އަހަރުތަކުގައި އޭތި ދިރިއުޅެމުން ދިޔައީ ގުޅިފައިވާ ރަށްތަކުގެ ފެންގަނޑުތަކާއި ކުޅިތަކުގެ ތެރޭގައި ފިލައިގެންނެވެ. އަދި އޭގެ ސައިޒު ވެސް ދިޔައީ މަޑުމަޑުން ބޮޑުވަމުންނެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ވަނީ މި ބޮނޑުގެ ބިރުވެރިކަން އަނެއްކާވެސް އާންމުންގެ ތެރެއަށް ގެނެސްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އައްޑޫ ހޮސްޕިޓަލް ކައިރީގައި އޮންނަ ފެންގަނޑު ކައިރިން ފެނުނު މި ޖަނަވާރުގެ ދިގުމިނުގައި މިހާރު ފަސް ފޫޓު ނުވަތަ ހަ ފޫޓު ހުންނާނެކަމަށް ލަފާކުރެވެއެވެ. ހޮސްޕިޓަލަށް ހިދުމަތް ހޯދަންދާ މީހުންނާއި އެ ސަރަހައްދުގައި އުޅޭ މީހުންނަށް ފެންނަ ހިސާބަށް އޭތި ނުކުމެ އުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އައްޑޫ ބައެއް ރައްޔިތުން ދެކެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ދާދި ފަހުން މި ބޮނޑު ވަނީ ހޮސްޕިޓަލުގެ ގޯތިތެރެއަށް ވެސް ވަދެފައެވެ. ކަމާބެހޭ އިދާރާތަކުން މިއަދާ ހަމައަށް ވެސް އޭތި ހިފުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބިރުވެރި ސިފައެއްގައި އޮތް ނަމަވެސް، އެންމެ މުހިންމު އެއް ހަގީގަތަކީ، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް މިއަދާ ހަމައަށް އެއްވެސް މީހަކަށް މި ބޮނޑު ހަމަލާ ދީފައެއް ނުވެއެވެ. އޭތި އާންމުކޮށް އުޅެނީ މީހުންނާ ދުރުން ފިލައިގެންނެވެ.
މި ޖަނަވާރަށް އާންމުން "ކޮމޯޑޯ ޑްރެގަން" އޭ ކިޔައި އުޅުނު ނަމަވެސް، މިއީ ހަގީގަތުގައި ވެސް އެ ބާވަތުގެ ޖަނަވާރެއްތޯ ޔަގީންކުރަން ޖެހެއެވެ. ކޮމޯޑޯ ޑްރެގަންއަކީ ދުނިޔޭގައި އުޅޭ އެންމެ ބޮޑު ބޮނޑުގެ ބާވަތެވެ. މިއީ އިންޑޮނީޝިއާގެ ބައެއް ރަށްތަކަށް ހާއްސަ، ބިރުވެރި އަދި ނުރައްކާތެރި ޖަނަވާރެކެވެ. ރާއްޖޭގެ މާހައުލަކީ އާންމުކޮށް މިފަދަ ބޮޑެތި ބޮނޑު ދިރިއުޅޭ މާހައުލަކަށް ނުވުމާއެކު، މިއީ ބޭރުން އައިސްފައިވާ އެއްޗެއްކަން ކަށަވަރުވެއެވެ.
ހަގީގީ ކޮމޯޑޯ ޑްރެގަންއެއް ނަމަ، އެ ސޮރުމެންގެ ދިގުމިނުގައި ދިހަ ފޫޓަށްވުރެ ދިގުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގެ ބަރުދަނުގައި ސަތޭކަ ފަންސާސް ޕައުންޑަށްވުރެ ގިނައިން ހުރެއެވެ. ޖަންގަލީގައި އުޅޭ ކޮމޯޑޯ ޑްރެގަންއެއްގެ އުމުރަކީ އާންމުގޮތެއްގައި ތިރީސް އަހަރެވެ. އެހެންކަމުން، އައްޑޫގައި އުޅޭކަމަށް ބުނާ ޖަނަވާރަކީ ހަގީގަތުގައި ވެސް މި ބާވަތުގެ އެއްޗަކަށް ވެއްޖެނަމަ، އޭތި އަދިވެސް އިތުރަށް ބޮޑުވެ، އެތައް އަހަރަކު ދިރިއުޅުމުގެ ފުރުސަތު އެބައޮތެވެ.
ކޮމޯޑޯ ޑްރެގަންއަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ހެއްޔެވެ؟
މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެކެވެ. މިއީ މަސްކައި އުޅޭ، އަދި އޭގެ ކުޅުގައި ވިހަ އެކުލެވޭ ޖަނަވާރެކެވެ. އިންޑޮނީޝިއާ ފަދަ ގައުމުތަކުގައި ކޮމޯޑޯ ޑްރެގަން އިންސާނުންނަށް ހަމަލާދީ މީހުން މަރުވެފައިވާ ހާދިސާތައް މަދުން ނަމަވެސް ހިނގާފައިވެއެވެ. އެހެންކަމުން، މިއީ ފަރުވާކުޑަކޮށްލައިގެން އުޅެން ހެޔޮވާވަރުގެ ޖަނަވާރެއް ނޫނެވެ.
އެހެންނަމަވެސް، އައްޑޫން ފެނިގެން އުޅޭ ޖަނަވާރުގެ އަމަލުތައް ހުރީ ތަފާތުކޮށެވެ. އޭތި މީހުންނަށް ހަމަލާ ނުދިނުމުގެ ސިއްރަކީ، އައްޑޫގެ ކުޅިތަކުގައި އޭއްޗަށް ބޭނުންވާ މިންވަރަށް ކާނާ ލިބެން ހުރުން ކަމަށް ވެދާނެއެވެ. އަދި އިންސާނުން ފެނުމުން އޭތި ގަންނަ ބިރެއްގެ ސަބަބުން ފިލަން މަސައްކަތް ކުރަނީ ކަމަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް، ޖަނަވާރުންނަކީ އޭގެ ތަބީއަތު ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ އެއްޗަކަށް ވުމުން، މިއީ އެއްގޮތަކަށް ވެސް ދޫކޮށްލާފައި ބާއްވަން ރައްކާތެރި އެއްޗެއް ކަމުގައި ނުބެލެވޭނެއެވެ.
ކޮންމެއަކަސް، ކުޑަ އިގުއާނާއަކުން ފެށިގެން އައިސް ހަ ފޫޓުގެ ބިޔަ ބޮނޑަކަށް ބަދަލުވެފައިވާ މި ޖަނަވާރުގެ ހަގީގަތް ހޯދައި، ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން މުހިންމުކަމަށް ބެލެއެވެ.. ރައްޔިތުންގެ ހިތްތަކުގައި އޮތް ބިރުވެރިކަން ފިލުވައިދިނުމަށާއި، ހޮސްޕިޓަލް ފަދަ ތަންތަނަށް ހިދުމަތް ހޯދަންދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި ޖަނަވާރު ހިފައި، މީހުންނާ ދުރު ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަކީ މިވަގުތަށް އައްޑޫ ސިޓީއަށް އެންމެ ބޭނުންތެރި އެއް ކަންތައް ކަމަށް ބައެއް މީހުން ބުނެއެވެ.
