ރާއްޖޭގެ މަސްވެރިކަން ދަށަށް ދިއުމާ ގުޅިގެން، މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓުކޮށްފިއެވެ. މިފްކޯއިން މި ބަދަލު ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. މި ނިންމުމުގެ މައިގަނޑު ބޭނުމަކީ މަސްދަޅުގެ ސްޓޮކް ހުސްވިޔަ ނުދީ، މިފްކޯގެ އަގުގައި މެދުކެނޑުމެއް ނެތި އާންމުންނަށް މަސްދަޅު ފޯރުކޮށްދިނުމެވެ.

މިކަމާ ގުޅޭގޮތުން މިފްކޯގެ ޕަބްލިކް ރިލޭޝަންސް ސީނިއާ މެނޭޖާ ޝިފްޒާ މުސްތަފާ ވިދާޅުވީ އާ ސްޓޮކެއް ލިބެންދެން ކޮންމެ މީހަކަށްވެސް ވިއްކާނީ ތެޔޮ މަސްދަޅުގެ އެއް ކޭސް ކަމަށެވެ. އެއީ 24 ނުވަތަ 48 ދަޅުގެ ކޭހެކެވެ. ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓު ކުރި ނަމަވެސް، މިފްކޯގެ އެހެން އުފެއްދުންތައް އެއްވެސް ލިމިޓެއް ނެތި އާންމުންނަށް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓުކޮށްފައި މިވަނީ، ދާދި ފަހުން މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު އަލުން އަގު ހެޔޮކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މަސްދަޅެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކުރި ނަމަވެސް، އާންމުންގެ ޝަކުވާތަކާއި ދިރިއުޅުމުގެ ހާލަތަށް ބަލައި މިފްކޯއިން ވަނީ ކުރިން ހުރި އަގަށް މަސްދަޅު ބަދަލުކޮށްފައެވެ. މަސްވެރިކަން ދަށަށް ދިއުމުގެ ސަބަބުން އުފެއްދުންތަކަށް ބަދަލު އައި ނަމަވެސް، އާންމުންނަށް ބޭނުންވާ މިންވަރަށް ތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.