ހައްޖުވެރިންގެ މަައުުލޫމާތު ބެލެހެއްޓުމަށް ސްމާޓް ކާޑެއް ސައުދީ އިން ތައާރަފް ކޮށްފިއެވެ. ހައްޖުވެރިންނަށް ހާއްސަކޮށްގެން ސައުދީން ތައާރަފް ކޮށްފައިވާ މި ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ. މި އަހަރު އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭ އިރު، އަންނަ އަހަރުގެ ހައްޖާ ހިސާބަށް މި ކާޑުތަކުގެ ބޭނުން ކުރެވޭނެ ކަމަށް ސައުުދީގެ އިދާރާތަކާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މި ކާޑަކީ 2019 ވަނަ އަހަރުގެ ހައްޖުގައި ޓެސްޓުކުރުމުގެ މަރުހަލާއެއް ފުރިހަމަ ކޮށްފައިވާ ކާޑެކެވެ.
އެގައުމުން ބުނެފައިވަނީ އެ ކާޑު ބޭނުންކޮށްގެން ހައްޖުވެރިންގެ މައުލޫމާތު ބެލެހެއްޓުމުގެ އިތުރުން ހައްޖުވެރިން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ކުރާ ދަތުރުތަކާއި އެމީހުން ބޭނުންކުރާ ހޮޓާ ތަކުގެ މައުލޫމާތު ކާޑު މެދުވެރިކޮށް ބެލޭނެ ކަމަށެވެ. އަދި ހައްޖުގެ އަޅުކަމުގައި އުޅެނިކޮށް ހައްޖާޖީއެއް ގެއްލިއްޖެނަމަ ކާޑު މެދުވެރިކޮށް އެމީހަކު ފަސޭހައިން ހޯދޭނެ ކަމަށް ބުނެފައިވެއެވެ. ހަމަ އެހެންމެ ކާޑު މެދުވެރިކޮށް ހައްޖާޖީންގެ ސިއްހީ ހާލަތުގެ މައުލޫމާތު ވެސް ބެލެން ހުންނާނެއެވެ.
ހައްޖާޖީންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކާ ތައާރަފު ކުރެވުނު މި ކާޑަކީ އޭގެ ބޭނުންތެރިކަން ވަރަށް ބޮޑު ކާޑެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މި ކާޑަކީ މީގެ ފަހުންވެސް ބޭނުން ކުރެވޭނޭ ކާޑަކަށް ހެދުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
