މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރުތަކަށް ރިޔާޔަތްކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދު ކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަޓައިޒޭޝަން ބޯޑުން އަންގައިފިއެވެ. ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނީ، ކުންފުނިތަކުގެ ކޭޝްފްލޯ ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި މުވައްޒިފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދުތައް ބޮޑުތަނުން ކުޑަކުރަންޖެހޭ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ދަށުން، ކުންފުނިތަކުގެ އޮޕަރޭޝަން ހުއްޓިދާނެ ފަދަ ކޮންމެހެން ބޭނުންތެރި ހާލަތެއްގައި ނޫނީ އާ މުވައްޒިފުން ނެގުމާއި، މުވައްޒިފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލަން ވަނީ އަންގާފައެވެ. މީގެ އިތުރުން، ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރުގަޑީގައި މުވައްޒިފުން ބޭނުން ނުކުރުމަށާއި، ހުރިހާ މަސައްކަތްތަކެއް ރަސްމީ ގަޑީގެ ތެރޭގައި ނިންމޭނެ ގޮތަކަށް ރޭވުމަށް ވެސް ޕީސީބީން ވަނީ އިރުޝާދު ދީފައެވެ.

ކުންފުނިތަކުގެ އިދާރީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި ޓްރެއިނިންތައް ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. "އިގުތިސާދީ ހިރާސްތަކަށް ރިޔާއަތްކޮށް ކުންފުނީގެ ކޭޝްފްލޯ ދަތިނުވެ ދެމެހެއްޓެނިވި ގޮތަކަށް މެނޭޖުކުރުމަށް މުވައްޒިފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮފީހުން ބުނީ" މިފަދަ ހާލަތްތަކުގައި ބޭރުގެ ފަރާތްތަކާ ބައްދަލުކުރުމަށް އޮންލައިން ވަސީލަތްތައް ބޭނުންކުރުމަށް ޕީސީބީން ބާރުއަޅައެވެ. އަދި ކުންފުނިތަކުން ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުމަށާއި، ކަރަންޓާއި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހިންގުމުގެ ހަރަދު ކުޑަކުރަން ވެސް ވަނީ އަންގާފައެވެ.