ލާމު އަތޮޅު ސިކްސް ސެންސަސް ރިސޯޓު ކައިރިން ދަތުރުކުރި "އުދަރެސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، އަޑިއަށް ހިނގައްޖެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބޯޓު ބަންޑުން ޖަހާލައި އަޑިއަށް ދާން ފެށުމާއެކު، އޭގައި ދަތުރުކުރި މީހުން ސަލާމަތްވުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

މި ބޯޓު އަޑިއަށް ދާން ފެށުމާއެކު، އޭގައި ދަތުރުކުރި ބިދޭސީއަކު ވަނީ ފަތާފައި ގޮސް ސިކްސް ސެންސަސް ލާމު ރިސޯޓަށް އަރާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހާދިސާ ހިނގިއިރު މި ބޯޓުގައި 15 ވަރަކަށް މީހުން ދަތުރުކުރަމުން ދިޔައެވެ. ބޯޓުން ދަތުރުކުރި އެހެން މީހުންގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މި ބޯޓަކީ މުދާ އުފުލުމަށް ބޭނުންކުރާ ބޯޓަކަށް ވުމުން، ބޯޓުގައި ހުރި މުދަލާއެކު ބޯޓު މިހާރު ވަނީ އެ ސަރަހައްދަށް އަޑިއަށް ގޮސްފައެވެ.