މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުންދިޔަ "އުދަރެސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ލ. އަތޮޅު ފަރަކަށް އަރައި، އޭގެއިން ދަތުރުކުރި އުމުރުން ދުވަސްވީ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:21 ހާއިރު، ލ. އަތޮޅު ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރީގައި އޮތް ފަރަކަށް ބޯޓު އެރުމުންނެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި ބޯޓުގައި ޖުމްލަ 12 މީހުން ދަތުރުކުރިއެވެ. އެއީ 2 ދިވެހިންނާއި 10 ބިދޭސީންނެވެ. ބޯޓު ފަރަށް އަރައި އަޑިއަށް ދިޔުމާ ގުޅިގެން، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑާއި ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ބޯޓުން ދަތުރުކުރި ބިދޭސީއަކު ވަނީ ފަތާފައި ގޮސް ރިސޯޓަށް އަރާފައެވެ.

މި ހާދިސާއާ ގުޅިގެން ބޯޓުގައި ހުރި ގިނަ އަދަދެއްގެ މުދާ މިހާރު ދަނީ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދަމުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މުދަލުގައި ޖެހި ހާދިސާއެއް ހިނގާފާނެތީ، ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.