ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ފެތުރި ހިނގި ނުރައްކާތެރި ހާދިސާގައި، ވަރަށް ބޮޑަށް ފިހުނު ބިދޭސީ މީހާގެ ހާލު ސީރިއަސްވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކާއި ދިވެއްސަކު ފިހިގެން ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ފެށިއެވެ. ނަމަވެސް ބަންގްލަދޭޝް މީހާގެ ހާލު ބޮޑުވުމާ ގުޅިގެން، ސީ-އެމްބިއުލާންސްގައި މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މިއަދު ހެނދުނު 09:30 ހާއިރު ހިނގި މި ހާދިސާގައި އަލިފާންގަނޑު ފެތުރިގެން ގޮސް، ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކާއި، ކުޑަ ދޯންޏެއްގެ އިތުރުން ރަށުގެ އައިސްޕްލާންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި ކަންނެލި ދޯންޏަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ރަށު ކައުންސިލުން ބުނެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި، ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ގުޅިގެން ކުރި މަސައްކަތުން، ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 10:35 ހާއިރުއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.