ވަޓްސްއެޕް މެސެޖުތަކަކީ ފޮނުވާ މީހާއާއި ލިބޭ މީހާ ނޫން އެހެން މީހަކަށް ނުފެންނާނެހެން ރައްކާތެރިކޮށްފައިވާ އެއްޗެއް ކަމަށް ބުނި ނަމަވެސް، މެޓާ ކުންފުނިން ސިއްރުން އެ މެސެޖުތައް ކިޔައި، ހިއްސާކުރާ ކަމަށް ބުނެ އެމެރިކާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި ދައުވާގައި ވަޓްސްއެޕްގެ އިތުރުން މެޓާ ޕްލެޓްފޯމްސް އާއި އެކްސެންޗާ ކުންފުނި ވެސް ހިމަނާފައިވެއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ވަޓްސްއެޕްގެ "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" އަކީ ހަގީގަތެއް ނޫން ކަމަށެވެ. ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި މެސެޖުތައް ކިޔުމުގެ ފުރުސަތު މުވައްޒަފުންނަށާއި ތިންވަނަ ފަރާތްތަކަށް އޮންނަ ކަމަށް ދައުވާގައިވެއެވެ. މިކަން މިގޮތަށް ހިނގާތާ 2016 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތެއް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ދައުވާ ހުށަހެޅި ފަރާތްތަކުން ބުނާ ގޮތުގައި، މެޓާގެ މުވައްޒަފުންނަށް މެސެޖުތައް ވަގުތުން ފެންނާނެ ފަދަ ވަސީލަތްތައް ކުންފުނީގެ އެތެރޭގައި ގާއިމުކޮށްފައިވެއެވެ. މިއީ މަކަރާއި ހީލަތުގެ މައްސަލަތައް ބަލަން ކުރާ ކަމެއް ކަމަށް ކުންފުނިން ބުނި ނަމަވެސް، މީގެ ނާޖާއިޒު ފައިދާ ނަގައި އާންމުންގެ އަމިއްލަ މައުލޫމާތަށް އަރައިގަންނަ ކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ތުހުމަތުކުރެއެވެ.

މި މައްސަލައާ ގުޅިގެން މެޓާ ކުންފުނިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ކުރެވުނު މިފަދަ ތުހުމަތުތައް އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ. ވަޓްސްއެޕް ބޭނުންކުރާ ތިން ބިލިއަނަށް ވުރެ ގިނަ މީހުންގެ މެސެޖުތަކުގެ ރައްކާތެރިކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކޯޓުގައި މި މައްސަލަ ކުރިއަށްދާ ވަރަކަށް، ވަޓްސްއެޕްގެ ރައްކާތެރިކަމާ ބެހޭ އިތުރު ސިއްރުތައް ހާމަވާނެ ކަމަށް ބެލެވެއެވެ.