ޖައްވަށް ދަތުރުކުރާ ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓަކީ އެމިރޭޓްސްގެ ނޫރާ އަލް މަތުރޫޝީއެވެ. އޭނާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެކެވެ.
މިދިޔަ އެޕްރީލް މަހު އެމިރޭޓްސް އިން ފެށި ޖައްވީ ޕްރޮގްރާމްތަކުގައި ބައިވެރިވާނެ އެސްޓްރޮނޯޓުން ތައްޔާރުކުރުމަށް ގެންދާ މަޝްރޫއުގައި ބައިވެރިވުމަށް، އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން 4000 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި 1400 އަންހެނުން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އެސްޓްރޮނޯޓުންގެ ގޮތުގައި މިފަހަރު ނެގި ދެ މީހުންގެ ނަން އިއުލާން ކުރީ، ދުބާއީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުބާއީގެ ވެރިޔާ އަދި އެމިރޭޓްސްގެ ނައިބު ރައީސް ޝައިޚް މުހައްމަދު ބިން ރާޝިދެވެ.
ނޫރާގެ އިތުރުން، މިއަދު އިއުލާން ކުރި އަނެއް ޖައްވީ ފަޅުވެރިއަކީ، އުމުރުން 33 އަހަރުގެ މުހައްމަދުލް މުއުލާ އެވެ. ނޫރާ އާއި މުއުލާ މިހާރު ވަނީ، އެމިރޭޓްސްގެ ފުރަތަމަ ޖައްވީ ފަޅުވެރިން ކަމަށްވާ ހައްޒާ އަލް މަންސޫރީ އާއި ސުލްތާނުލް ނަޔާދީއާ ބައިވެރިވެ، ޖައްވީ ތަމްރީންތައް ފަށާފައެވެ.
ތެލާއި ގޭހުގެ ދާއިރާގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ ނޫރާ، ޖައްވީ ފަޅުވެރިއަކަށް ވުމުގެ ހުވަފެން ދުވަހަކު ވެސް އޭނާއާއި ވައްކެއްނުވެއެވެ. މިއީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ފުރުސަތެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެންމެ ޅަފަތުގައި ދުށް ހުވަފެން މިއަދު ހަގީގަތަކަށް ވެފައިވާކަމަށާއި މިހާރު އޭނާ ދެކެނީ އަދި މާ ބޮޑު ހުވަފެނެއްކަމަށްވެސް އޭނާވަނީ ބުނެފައެވެ.
މިހާތަނަށް އެސްޓްރޮނޯޓުންގެ ގޮތުގައި ޖައްވަށް ގިނައިން ފޮނުވާފައިވަނީ ފިރިހެނުންނެވެ. އެ ދުވަސްވަރުން 1960 ހުން ފެށިގެން 2020 ގެ ނިޔަލަށް 550 އެސްޓްރޮނޯޓުން ޖައްވަށް ގޮސްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 65 އަންހެނުންކަމަށް ރިޕޯޓުތައް ބުނެއެވެ.
