މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ މާޗު މަހު ޓެކުހުގެ ގޮތުގައި 261 މިލިއަން ޑޮލަރު ބަލައިގަނެފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17 ޕަސަންޓު އިތުރު އަދަދެކެވެ. އަދި މިއީ ލަފާކުރި މިންވަރަށްވުރެ 26.8 ޕަސަންޓު އިތުރު އަދަދެއް ކަމަށް މީރާއިން ބުންޏެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ކުންފުނިތަކުން ދައްކާ އިންކަމް ޓެކްސް އިތުރުވުމެވެ. މީގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އައި މިންވަރު 18.8 ޕަސަންޓު އިތުރުވުމާއެކު، ގްރީން ޓެކްސް އާއި އެއާޕޯޓު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ 156 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ރިސޯޓު ކުލީގެ ގޮތުގައި 29 މިލިއަން ޑޮލަރު، ގްރީން ޓެކުހުގެ ގޮތުގައި 20 މިލިއަން ޑޮލަރު، އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 18 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ޑިޕާޗާ ޓެކުހުގެ ގޮތުގައި 16 މިލިއަން ޑޮލަރު ލިބުނުއިރު، އިންކަމް ޓެކުހުގެ ގޮތުގައި ލިބުނީ 13 މިލިއަން ޑޮލަރެވެ.
މީރާގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ 31.4 ޕަސަންޓަކީ ކުރިން ނުލިބި ހުރި ފައިސާއެވެ. މީގެ ތެރެއިން 57 މިލިއަން ޑޮލަރު ހޯދާފައިވަނީ ފިޔަވަޅު އަޅައިގެންނެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 26 މިލިއަން ޑޮލަރާއި، އެހެނިހެން ގޮތްގޮތުން ހޯދި ފައިސާ ހިމެނެއެވެ. ޖުމްލަ އާމްދަނީގެ ތެރެއިން 205.18 މިލިއަން ޑޮލަރު ބަލައިގަނެފައިވަނީ އެމެރިކާ ޑޮލަރުންނެވެ.
