ބަރަކާތްތެރިވެގެންވާ ޙައްޖު މަސް ފަދަ ހުރުމަތްތެރި މައްސަރުތަކާ ކުރިމަތިލާއިރު، މާތް ﷲ ގެ ހަނދުމަކޮށް އަޅުކަންތައް ގިނަކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ، ފާފަވެރި އަމަލުތައް ކުރުމެވެ. ކޮންމެ ވަގުތެއްގައިވެސް ފާފަކުރުމަކީ ﷲ ގެ ކޯފާ ހައްގުވާނެ ކަމެއް ނަމަވެސް، ހުރުމަތްތެރިވެގެންވާ މައްސަރެއްގައި އެފަދަ ކަމެއް ކުރުމަކީ ނުބައިކަން މާ ބޮޑުވެގެންވާ ކަމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. މިއީ އެކަލާނގެ މަތިވެރިކުރައްވާފައިވާ ކަންކަމުގެ ހުރުމަތް ކަނޑައި، އެކަންކަމަށް އިހާނާތްތެރިވުން ކަމަށްވެސް ބުނެފައިވެއެވެ.

މާތް ﷲ ވަނީ ހުރުމަތްތެރިވެގެންވާ މައްކާގެ ޙަރަމްފުޅުގައި އަނިޔާވެރިކަމާއެކު ދީނާ ޚިލާފު ގޮތްތައް އުފައްދަން އުޅޭ މީހުންނަށް ވޭންދެނިވި އަޒާބު ހުރިކަމުގެ އިންޒާރު ދެއްވާފައެވެ. ހަމައެފަދައިން، ހުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ބޮޑުވެގެންވާތީ، އެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އެގޮތުން، މިފަދަ ބަރަކާތްތެރި ދުވަސްތަކުގައި ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ އިތުރުން ތަސްބީޙައާއި ތަޙުމީދާއި ތަކްބީރު ކިޔުން ފަދަ އަޅުކަންތައް އިތުރުކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. ޚުޠުބާ ނިންމާލާފައިވަނީ މާތް ﷲ މަތިވެރިކުރައްވާފައިވާ މައްސަރުތަކުގެ ފައިދާ ހާސިލްކޮށް، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމަށް ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ.