ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ލޯނަށް އެދޭ ދަރިވަރުންނާއި އަމިއްލަ ޚަރަދުގައި ކިޔަވަންދާ ދަރިވަރުން، އެމްކިއުއޭއިން ހޯދަންޖެހޭ "ރިކޮގްނިޝަން" ލިޔުން ހޯދުމުގައި ތިންވަނަ ފަރާތްތަކެއްގެ އެހީ ހޯދުމުގެ ބަދަލުގައި އަމިއްލައަށް އެ ޚިދުމަތަށް އެދުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދަރިވަރުން ކިޔަވަން އިޚްތިޔާރުކުރާ ކޯހަކީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކޮށްދޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުމަކީ އެމްކިއުއޭއިން އެއްވެސް ފީއަކާ ނުލައި ހިލޭ ދޭ ޚިދުމަތެއް ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން މި ލިޔުން ހޯދައިދޭނެ ކަމަށް ބުނެ ދަރިވަރުންގެ އަތުން ބޮޑެތި އަދަދުތަކުން ފީ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

މިގޮތަށް ތިންވަނަ ފަރާތެއް މެދުވެރިވެގެން ޚިދުމަތް ހޯދާ ދަރިވަރުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި، ބައެއް ދަރިވަރުންގެ ވިސާގެ ކަންކަން ހަމަނުޖެހި ކްލާސްތަކުގައި ބައިވެރިނުވެވޭ ފަދަ ޝަކުވާތައް ލިބެމުންދާ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

ލޯނުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލާފައިވާއިރު، މި ލިޔުން ހޯދުމަށް އެދޭ ދަރިވަރުންނަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެ އޮތޯރިޓީއަށް ހާޒިރުވެގެން ފޯމު ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ ނުދީ، ސީދާ އެމްކިއުއޭ މެދުވެރިކޮށް މި ޚިދުމަތް ހޯދުމަށް ދަރިވަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.