އަހަރުގެ މިހާތަނަށް ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ވަނީ 1.1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 951.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 16.5 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރުގެ ބަޖެޓުގައި މި މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެކި ދާއިރާތަކަށް ކުރި ހޭދައަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ މަޝްރޫޢުތަކަށެވެ. އެގޮތުން އެ ދާއިރާއަށް 496.7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ދަތުރުފަތުރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރި 345.3 މިލިޔަން ރުފިޔާގެ ޚަރަދެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ އާންމު ޚިދުމަތުގެ ދާއިރާއަށެވެ. އެއީ 257.7 މިލިޔަން ރުފިޔާއެވެ.

ޞިއްޙީ ދާއިރާއަކީ ސަރުކާރުން މިއަހަރު ބޮޑު އިސްކަމެއް ދޭ ދާއިރާއަކަށް ވާއިރު، އެ ދާއިރާއަށް މިހާތަނަށް 118.9 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 7.1 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ދީނީ ކަންކަމަށް 50.4 މިލިޔަން އަދި ކުޅިވަރު ދާއިރާއަށް 44.8 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ސަރުކާރުން ބުނާ ގޮތުގައި ރަށްރަށުގައި ކުރިއަށްދާ ގިނަ މަޝްރޫޢުތަކެއް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް މި އުސޫލުން 213 މަޝްރޫޢެއް ހަވާލުކޮށްފައިވާއިރު، މި ހުރިހާ މަސައްކަތްތަކެއްވެސް ބާރުމިނުގައި ކުރިއަށްދާ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.