މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމަށްޓަކައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޚަރަދު ކުޑަކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

އާރްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅުތަކަކީ ދުރު ރާސްތާއަށް ވިސްނައި، ސަރުކާރުން އަޅަމުންދާ އިޤްތިޞާދީ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ. މީގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކުންފުނީގެ ދަތުރުފަތުރާއި، ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށެވެ.

އާރްޑީސީން އެޅި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:

  • ދަތުރުފަތުރު: ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި ބޭރަށް ކުރާ ދަތުރުތައް ހުއްޓާލުން އަދި ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާސް ބޭނުންނުކުރުން.

  • ޓެކްނޮލޮޖީ: ބޭރުގެ ސަޕްލަޔަރުންނާއި ކަސްޓަމަރުންނާ ބައްދަލުކުރުމަށް އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން.

  • އޮފީސް ހިންގުން: ފޯނާއި، އިންޓަނެޓާއި، ކަރަންޓާއި ފެނުގެ ޚަރަދު ކުޑަކުރުމުގެ އިތުރުން ކަރުދާސް ބޭނުންކުރުން މަދުކުރުން.

  • މުވައްޒަފުންގެ މަސައްކަތް: އިތުރުގަޑީގައި (OT) މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުން.

މީގެ އިތުރުން، ފެރީގެ ޚިދުމަތް ލިބޭ ސަރަޙައްދުތަކުގައި ފެރީ ބޭނުންކުރުމަށާއި، ކުންފުންޏަށް ސީދާ ފައިދާއެއް ނުލިބޭ ބޭރުގެ ފެއަރތަކުގައި ބައިވެރިނުވުމަށް ވެސް ވަނީ ނިންމާފައެވެ. އާރްޑީސީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުން ވެސް މިހާރު ދަނީ ޚަރަދު ކުޑަކުރުމުގެ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.