ދުނިޔޭގެ މަޝްހޫރު ތަރި ކްލޯއީ ކާޑޭޝިއަން، މަޝްހޫރު ހެއަރކެއަރ ބްރޭންޑެއްގެ އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ. މިއީ އެ ބްރޭންޑަށް 20 އަހަރު ފުރުމާ ދިމާކޮށް، ބްރޭންޑްގެ ތާރީހުގައި ވެސް ހަމަޖެއްސި ފުރަތަމަ ގްލޯބަލް އެމްބެސެޑަރެވެ.
މި ކަމާ ގުޅޭގޮތުން ކްލޯއީ ބުނީ، މިއީ އޭނާ ވަރަށް ކުރީއްސުރެ ބޭނުންކުރަމުން އަންނަ ބްރޭންޑެއް ކަމަށެވެ. އަދި އޭނާގެ އިތުރުން ދަރިފުޅު "ޓްރޫ" ގެ އިސްތަށިގަނޑު ރީތިކޮށް ބެލެހެއްޓުމަށް ވެސް މި ބްރޭންޑްގެ އުފެއްދުންތައް ބޭނުންކުރާ ކަމަށް އޭނާ ބުންޏެވެ.
"އިސްތަށިގަނޑު ކުލަ ކުރުމާއި، އެކި ގޮތްގޮތަށް ސްޓައިލް ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް މިއީ ވަރަށް ރަނގަޅު އުފެއްދުމެއް،" ކްލޯއީ ބުންޏެވެ.
މި ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން "މިރަކަލް ލީވް-އިން" އަކީ އެންމެ މަގުބޫލު އެކައްޗެވެ. އެމެރިކާގައި އެކަނި ވެސް އަހަރަކު 11 މިލިއަން ފުޅި މި އުފެއްދުން ވިކެއެވެ. ބްރޭންޑަށް 20 އަހަރު ފުރުމާ ދިމާކޮށް، މިއަހަރުގެ ހޫނު މޫސުމުގައި އުފެއްދުންތަކުގެ ބޭރު ކަވަރުތަކަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި އާ އުފެއްދުންތައް ފުރަތަމަ ލިބެން ހުންނާނީ "އަލްޓާ ބިއުޓީ" ފިހާރަތަކުންނެވެ.
ބްރޭންޑްގެ ސީއީއޯ ކެރޮލީން އެރަންސަން ބުނީ، ކްލޯއީއަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ރަމްޒުކޮށްދޭ ތަރިއެއް ކަމަށެވެ. ބްރޭންޑަށް 20 އަހަރު ފުރުމުގެ ބޮޑު ހަފުލާ މިއަހަރުގެ އޮކްޓޯބަރު 10 ގައި މިއާމީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަފުލާގައި ކްލޯއީ ވެސް ބައިވެރިވާނެއެވެ. މީގެ އިތުރުން ބްރޭންޑް އިސްތިހާރު ކުރުމަށް ސޯޝަލް މީޑިއާގައި ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
