ދުނިޔޭގެ މަޝްހޫރު ކުންފުނި ޔުނިލީވަރުން، އެމެރިކާގެ ސިއްހީ ސަޕްލިމެންޓް އުފައްދާ ކުންފުންޏެއް ކަމަށްވާ "ގްރޫންސް" ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މުއާމަލާތުގެ އަގު އުޅެނީ ގާތްގަނޑަކަށް 1.2 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއީ ޔުނިލީވަރުން ރީތިވުމާއި ސިއްހީ ދާއިރާއަށް ހާއްސަ ކުންފުންޏަކަށް ބަދަލުވުމަށް ކުރާ މަސައްކަތުގެ ދަށުން އެޅި މުހިއްމު ފިޔަވަޅެކެވެ.

2023 ވަނަ އަހަރު އުފެއްދި "ގްރޫންސް" އަކީ ފިތްޖަހާލެވޭ ފޮނި ކޭންޑީ ނުވަތަ "ގަމީ ބެއާޒް" ގެ ގޮތުގައި ސިއްހީ ސަޕްލިމެންޓް އުފައްދާ ކުންފުންޏެކެވެ. މި ކުންފުނީގެ އުފެއްދުންތަކަކީ ބޭސް ގުޅައާއި ފުށް ބޭނުންކުރުމުގެ ބަދަލުގައި، ފަސޭހައިން އަދި މީރުކޮށް ބޭނުންކޮށްލެވޭ އެއްޗެހިތަކެކެވެ. ގްރޫންސްގެ އެންމެ މަގުބޫލު އުފެއްދުމަކީ 60 އަށްވުރެ ގިނަ ބާވަތްތައް ހިމެނޭ "ސުޕަފުޑް ގްރީންސް ގަމީޒް" އެވެ. މީގެ ސަބަބުން ހަޖަމުކުރުމަށާއި، ހަށިގަނޑުގެ ދިފާއީ ބާރު ގަދަކުރުމަށާއި، ހަންގަނޑާއި އިސްތަށިގަނޑު ރީތިކުރުމަށް އެހީތެރިވެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޔުނިލީވަރުގެ ސީއީއޯ ޖޮސްޓެއިން ސޮލްހެއިމް ވިދާޅުވީ، ގްރޫންސްއަކީ ސައިންސީ ގޮތުން ސާބިތުވެފައިވާ، މީހުން ބޭނުންކުރަން ފަސޭހަ އުފެއްދުންތަކެއް ނެރޭ ކުންފުންޏެއް ކަމަށެވެ. އަދި މި ބްރޭންޑް ޔުނިލީވަރުގެ ދަށަށް އައުމަކީ އެ ކުންފުނީގެ ސިއްހީ ދާއިރާ އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގްރޫންސްގެ ބާނީ ޗޭޑް ޖެނިސް ބުނީ، ޔުނިލީވަރުގެ އެހީތެރިކަމާއެކު ގިނަ ބަޔަކަށް އެ ކުންފުނީގެ އުފެއްދުންތައް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅު އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެއެވެ. ޔުނިލީވަރުން މިހާރު ވެސް އަންނަނީ މިފަދަ މަގުބޫލު ބްރޭންޑްތައް ގަނެ، އެ ކުންފުނީގެ ވިޔަފާރި އެމެރިކާގެ ބާޒާރުގައި ފުޅާކުރަމުންނެވެ.