ހޮޓަލަކުން ބުކިން ހެއްދުމަށްފަހު، ފޭކު ޕޭމަންޓް ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅުނު މީހަކު ކްރިމިނަލް ކޯޓުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، އިހާޒް، އުމުރުން 25 އަހަރުގެ މުހައްމަދު އަނޫފް އެވެ.
މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަނޫފް ވަނީ ހޮޓަލަކުން ބުކިން ހެއްދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަ ނޫން ސްލިޕެއް ފޮނުވާފައެވެ. އަދި އޭގެ ފަހުން އެ ބުކިން ކެންސަލްކޮށް، ރިފަންޑުގެ ގޮތުގައި ނަގުދު ފައިސާ ދިނުމަށް އެދިފައިވެއެވެ. މި ފައިސާއާ ހަވާލުވުމަށް ހޮޓަލުގެ އޮފީހަށް ގޮސްފައިވަނީވެސް އޭނާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކޯޓުގައި އޭނާ ބުނީ އެތަނަށް ދިޔައީ ރައްޓެއްސަކު ބުނެގެން ކަމަށެވެ.
ފުލުހުން މި މައްސަލައިގައި ހެކީގެ ގޮތުގައި ވަޓްސްއެޕް މެސެޖްތަކުގެ ސްކްރީންޝޮޓްތަކާއި ފުލުހުންގެ ހާދިސާ ރިޕޯޓު ވަނީ ކޯޓަށް ހުށަހަޅާފައެވެ. މީގެ ކުރިންވެސް މިފަދަ އަމަލެއް ހިންގުމަށްފަހު ފައިސާ ހޯދަން އޭނާގެ އަމިއްލަ އެކައުންޓު ނަންބަރު ދީފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. އޭނާއަކީ 2021 ވަނަ އަހަރު ވައްކަމުގެ ކުށް ސާބިތުވެ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ މީހެކެވެ.
