ހުޅުމާލެ ބީޗުގައި ތިބި ބަޔަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ފަތްކޯނި، އުމުރުން 41 އަހަރުގެ އަހުމަދު ނިޝާން އެވެ.
ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި، ނިޝާން ވަނީ ބީޗުގައި ތިބި ބަޔަކަށް ވަޅިން ބިރުދައްކާފައެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރުވެސް އޭނާގެ އަތުގައި ވަޅިއެއް އޮތް ކަމަށް ތަހުގީގީ އޮފިސަރު ކޯޓުގައި ފާހަގަކުރިއެވެ. ނަމަވެސް، ނިޝާން ކޯޓުގައި ބުނީ އެ ވަޅިއަކީ އޭނާ ގަސް ކޮށަން ގެންގުޅުނު އެއްޗެއް ކަމަށާއި، އެއްވެސް މީހަކަށް ބިރުދައްކާފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ހާދިސާ ރިޕޯޓާއި، ބިރުދެއްކި ކަމަށް ބުނާ ފަރާތުން ދީފައިވާ ބަޔާން ކޯޓަށް ހުށަހަޅާފައެވެ. ގާޒީ އިބްރާހިމް ޒިހުނީ އަމުރުކުރެއްވީ ނިޝާން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ. ނިޝާނަކީ މީގެ ކުރިންވެސް ހައްޔަރު އަދި ބަންދު ރެކޯޑު އޮންނަ މީހެއްކަން ފާހަގަކުރެވެއެވެ.
