ހުޅުމާލެ ފޭސް 2 ގެ ދޯދި ފްލެޓްތައް ކައިރީގައި ހުރި ކުނިތަކެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 02:21 ހާއިރުއެވެ. މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

އަލިފާން ރޯވެފައިވަނީ ދޯދި ފްލެޓް 11 ކައިރީގައި ހުރި ބޮޑު ކުނިފުންޏެއްގައެވެ. މި ކުނިފުންޏަކީ އެ ސަރަހައްދުގެ ފްލެޓްތަކަށް އަލަށް ބަދަލުވި މީހުން ޖަމާކޮށްފައި ހުރި ކުނިތަކެއް ކަމަށް ބެލެވެއެވެ. މި ހާދިސާގައި ކުނިތަކުގައި ވަރަށް ގަދައަށް ރޯވެ، ބޮޑު އަލިފާންގަނޑެއް އުފެދިފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ފްލެޓްތަކެއްގެ ކައިރީގައި މިފަދަ ހާދިސާއެއް ހިނގުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވުމުގެ ކުރިން، ފްލެޓްތައް ކައިރީގައި ކުނި ޖަމާނުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުންޏެވެ. ކުނިފުނީގައި އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް ސާފެއް ނުވެއެވެ.