މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި، މިނިސްޓަރު ތޯރިގު އިބުރާހިމް މަޓީ އާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށާއި ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މަޓީގެ އިސް ބޭފުޅުންނާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ސަޕްލަޔަރުން ވަނީ ބައިވެރިވެފައެވެ. ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ހިޔާލު ބަދަލުކުރެވި، ކުރިމަތިވެދާނެ މައްސަލަތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެން ދިޔަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ރޭވުމެވެ. މި ބައްދަލުވުމުގައި މަޓީއާއި ތެޔޮ އެތެރެކުރާ ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި، މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.
