ރާއްޖޭގައި މިދުވަސްވަރު ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައިވާތީ، ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދު ބޭރަށް ނުނިކުތުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މިއަދު އެންމެ ހޫނުގަދަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ރެކޯޑުކޮށްފައިވަނީ މާލެ ސަރަހައްދަށެވެ. މާލެ ސަރަހައްދުގެ އިހްސާސްކުރެވޭ ހޫނުމިން މިއަދު ވަނީ 38.2 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.

މާލޭގެ އިތުރުން ދެން އެންމެ ހޫނުގަދަ ކަމަށް ދައްކަނީ ހދ. ހަނިމާދޫ އަދި ލ. ކައްދޫއަށެވެ. ހަނިމާދޫގައި އިހްސާސްކުރެވޭ ހޫނުމިން 36.9 ޑިގްރީގައި ހުރިއިރު، ކައްދޫގައި މި ނިސްބަތް ހުރީ 35.9 ޑިގްރީގައެވެ. އާންމުގޮތެއްގައި މާޗް އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދެ މަސްކަމަށްވާތީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނުމިން މަތިވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ގަދަ ހޫނުން ރައްކާތެރިވުމަށްޓަކައި ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި އެކަށީގެންވާ ހެދުންލުމަށާއި، ގިނަގިނައިން ދިޔާއެއްޗެހި ބުއިމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި ހޫނުގެ ސަބަބުން ބޮލުގައި ރިއްސައި ވަރުދެރަވާނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށްވެސް ވަނީ އެދިފައެވެ.