ލ. ގަމުގައި އޮންނަ މަޝްހޫރު "ޕަރީ ފެންގަނޑު" ބަލާލުމަށް ޚާއްސަ ވިއުވިން ޕްލެޓްފޯމެއް ބިނާކޮށް، އެ ސަރަހައްދު މިއަދު ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ. އެންދެރި ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހެރިޓޭޖް ސޮސައިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ އެ ރަށުގެ ތާރީޚީ އަދި ތިމާވެށީގެ މުހިންމުކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ފެންގަނޑުގެ ގުދުރަތީ ރީތިކަން ރައްކާތެރިކަމާއެކު ބަލާލުމުގެ މަގު ފަހިކޮށްދިނުމާއި، އެ ސަރަހައްދަކީ އާންމުންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ހެދުމެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމުގައި ލ. ގަމު ކައުންސިލުން ދެއްވި ފުރިހަމަ އެއްބާރުލުން ހެރިޓޭޖް ސޮސައިޓީން ވަނީ ފާހަގަކޮށްފައެވެ. ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ގޮތުން، ފެންގަނޑުގައި ދުއްވާލުމަށްޓަކައި ދެ ކެނޯވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ.
ލ. ގަމު ކުޑަ ހިންނައިގެ އިރުމަތީ ފަރާތުގައި އޮންނަ މި ފެންގަނޑަކީ "ދަނޑިފުޅު ދޫނި" ވިހާ އާލާވާ، ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދެކެވެ. މިއީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދިނުމުގެ އިތުރުން، ކާބަން ރައްކާތެރިކޮށް ހިފަހައްޓައިދޭ "ކާބަން ސިންކް" އެއްގެ ދައުރު އަދާކުރާ ތަނެކެވެ. މި މުހިންމު ސަރަހައްދަކީ 23 ޑިސެމްބަރު 2021 އިން ފެށިގެން ދިވެހި ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.
