މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖުމްލަ 5،186 ޓަނުގެ މަސް އެ ކުންފުންޏަށް ވަނީ ކިރުވާފައެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ޖަނަވަރީ މަހު 2،454 ޓަނުގެ މަސް ކިރުވާފައިވާއިރު، ފެބުރުއަރީ މަހު 1،108 ޓަނު އަދި މާރިޗު މަހު 1،625 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. ފެބުރުއަރީ މަހު އެކަނިވެސް 136 ދޯންޏަކުން މަސްކިރުވައި، އެ ދޯނިތަކަށް 4.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މި މުއްދަތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ފެބުރުއަރީ 16 ވަނަ ދުވަހުއެވެ.

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން މި ސަރުކާރުން ފެށީ 11 ޑިސެމްބަރު 2024 ގައެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި ގަވާއިދުން ފައިސާ ދޫކުރަމުން އަންނަކަން މިފްކޯއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ކުރިން ހަމައެކަނި ކަޅުބިލަ މަހުގެ މަސްވެރިންނަށް ފައިސާ ދޫކުރި ނަމަވެސް، މިހާރު ކަންނެލި ދޯނިފަހަރުތަކަށްވެސް މިފްކޯއިން ފައިސާ ދޫކުރަން ވަނީ ފަށާފައެވެ.