ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި ރޭ ފަތިހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ގާތްގަނޑަކަށް ފަސް ގަޑިއިރުގެ މަސައްކަތުން އެމްއެންޑީއެފުން އަލިފާންގަނޑު ނިއްވާލައިފިއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 03:43 ހާއިރުއެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، ސިފައިން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 08:19 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަހަކަށް އައިސް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން ދާދި ފަހުން ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އައިސް ޕްލާންޓެއް އަދައި ހުލިވެ، މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަދި އދ. ދަނގެތީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ބަނގުލަދޭޝްގެ ފަސް މީހަކު ވަނީ ނިޔާވެފައެވެ.