ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މެދުގައި ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިއަދު ދެއްވި ބަޔާނެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ތާރީޚުގައި ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނުކުތް އިންތިހާބު ކަމަށެވެ. އަދި ދެވަނަ ބުރަށް ދާންޖެހުނު ދާއިރާތަކުގެ އިންތިހާބީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށާއި، މި މަހުގެ 18 ވަނަ ދުވަހު އެ ވޯޓުލުން ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފަހަރު ބޭއްވުނު އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބެވެ. މިދިޔަ ހޮނިހިރު ދުވަހު ކައުންސިލް އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނެގުނު ހިޔާލު ހޯދުމުގެ އާންމު ވޯޓެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ދެވަނަ ބުރުގެ ވޯޓުލުމަށް ބޭނުންވާ އިދާރީ އަދި ފަންނީ އެންމެހައި އިންތިޒާމުތައް ފުރިހަމަކުރަމުންނެވެ.