ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއެކު، މަސްވެރިކަމުގެ ސިނާއަތުން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސް އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް މަޝްވަރާކޮށްފިއެވެ. ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސްގެ މި ދަތުރުފުޅުގެ ތައްޔާރީތައް މިހާރު ވަނީ ފެށިފައެވެ.

މި ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅޭގޮތުން ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރާއި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ތާޒާ މަހުގެ ބާވަތްތަކާއި ސްރީލަންކާގެ ދަޅުމަސް ބަންދުކުރުމުގެ ސިނާއަތް ގުޅުވާލައިގެން، މަހުގެ އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ ފުރުސަތު އޮތްކަން ދެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ސްރީލަންކާގައި މަސް ބަންދުކޮށްގެން ރާއްޖޭގެ ބާޒާރަށް އަމާޒުކޮށް ވެލިއު އެޑަޑް އުފެއްދުންތައް ތައްޔާރުކުރުމަށްވެސް މަޝްވަރާކުރެވުނެވެ.

މިހާރު ދުބާއީ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ސްރީލަންކާގެ ބައެއް އުފެއްދުންތައް، ސީދާ ރާއްޖެއަށް ފޮނުވޭނެ އިންތިޒާމެއް ހަމަޖައްސައި ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، ރައީސް މިފަދަ ދަތުރުފުޅެއް ކުރައްވާނަމަ ރަސްމީކޮށް އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.