މިދިޔަ ބުދަ ދުވަސް ވެގެން ދިޔައީ އާބާދީގައި 11.26 މިލިއަން މީހުން ދިރިއުޅެމުންދާ އުތުރު އެމެރިކާގައި އޮންނަ ހައިޓީގެ ކަޅު ތާރީޚް ބަނަކޮށްލި ދުވަހަކަށެވެ. އުމުރުން 53 އަހަރުގެ ހައިޓީގެ ރައީސް އަވަހާރަކޮށްލީ އެމެރިކާގެ ޑްރަގް އެންފޯރސްމެންޓް އެޑްމިނިސްޓްރޭޝަންގެ ނަމުގައި ރައީސްގެ ގެކޮޅަށް ވަދެގަތް ހަތިޔާރު އެޅިބަޔަކު ދިން ބަޑީގެ ހަމަލާތަކުގައެވެ. މި ހަމަލާތަކުގައި ރައީސްގެ އަނބި ކަނބަލުންނަށްވެސް ދަނީ ލިބުނު ބޮޑެތި ޒަޚަމްތަކަށް ހައިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. މިކަމާއި ގުޅިގެން ހައިޓީގައި ވަނީ ދެހަފްތާގެ މުއްދަތަށް ކުއްލި ހާލަތު އިއުލާނުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހަމަލާތައް ދިންކަމަށް ޝައްކު ކުރެވޭ ބަޔަކާ ހައިޓީގެ ސިފައިންނާއި ދެމެދު މިއަދު ބަޑީގެ ހަމަލާތައް ބަދަލުކޮށް އޭގެ ތެރެއިން 4 މީހުން ވަނީ މަރާލާފައެވެ. އަދި 2 މީހަކު ސިފައިންގެ ބެލުމުގެ ދަށުގައިވާ ކަމަށް އެ ގައުމުގެ ޕޮލިހުންވަނީ ހާމަކޮށްފައެވެ.
ހައިޓީގެ ތާރީޚް – ބަޢާވާތުގެ ކަޅު ޞޮފްޙާތަކެއް
- 1957 ވަނަ އަހަރު ހައިޓީގެ ވެރިކަމަށް ސިފައިންގެ ބާރާއެކު ފްރާންސޮއިސް ޑުވަލިއެރ (ޕާޕާ ޑޮކް) ވަނީ އައިސްފައެވެ. އެއާއެކު އިންސާނީ ޙައްޤުތައްގެއްލި ލާއިންސާނީ އެތައް އަމަލުތަކެއް ހައިޓީގައި ވަނީ ހިނގާފައެވެ.
- 1964 ވަނަ އަހަރު ޕާޕާ ޑޮކް ވަނީ ހައިޓީގެ ވެރިކަމުގައި އުމުރު ދުވަހު ހުންނާނެކަން އިއުލާނުކޮށް ރަސްމީ ޑިކްޓަރޓޭޝިޕެއް ގާއިމުކޮށްފައެވެ. ނަމަވެސް 1971 ވަނަ އަހަރު އޭނާ އަވަހާރަވެ، އޭނާގެ ދަރިފުޅު "ބޭބީ ޑޮކް" ވަނީ ވެރިކަމާ ހަވާލުވެފައެވެ. އެއާއެކު ޖެހިގެން އައި 10 ވަރަކަށް އަހަރު ހައިޓީގެ މީހުން ވަނީ އޭނާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެމެރިކާއަށް ކަނޑުމަގުން ހިޖުރަ ކުރަންފަށާފައެވެ.
- 1986 ވަނަ އަހަރު ހައިޓީގެ އަސްކަރިއްޔާގެ ޖެނެރަލް ހެންރީ ވަނީ ބޭބީ ޑޮކްއާ ދެކޮޅަށް ބަޢާވާތްކޮށް ބޭބީ ޑޮކް ފްރާންސްއަށް ފިލަންދާން މަޖުބޫރުކޮށްފައެވެ. އޭގެ 2 އަހަރު ފަހުން އަސްކަރިއްޔާގެ ޖެނެރަލްގެ މަޤާމުގައި ހުރި ޕްރޮސްޕަރ އެވްރިލް އަނެއްކާވެސް ބަޢާވާތްކޮށް 1988 ވަނަ އަހަރު ހައިޓީގެ ވެރިކަމާ ހަވާލުވިއެވެ.
- ހައިޓީގައި މިނިވަން އިންތިޚާބެއް ބޭއްވުނީ 1990 ވަނަ އަހަރުއެވެ. ހައިޓީގެ ފުރަތަމަ ރައީސްގެ މަޤާމާ ހަވާލުވި އެރިސްޓައިޑް ވެގެން ދިޔައީ 1991 ވަނަ އަހަރު ބަޢާވާތްކޮށް ވައްޓާލި ވެރިއަކަށެވެ. ނަމަވެސް އޭގެ 3 އަހަރު ފަހުން އ.ދ. އަދި އެމެރިކާގެ ސިފައިންވަނީ ހައިޓީގެ ވެރިކަން އަނބުރާ އެރިސްޓައިޑް އަށް ހޯދައިދީފައެވެ. އޭނާގެ ވެރިކަމުގެ 2 ވަނަ ދައުރު ނުނިމެނީސް 2004 ވަނަ އަހަރު ވަނީ ހައިޓީގެ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ގައުމު ދޫކޮށް ފިލައިގެން ދާން މަޖުބޫރުވެފައެވެ.
2010 ވަނަ އަހަރުގެ ބާރުގަދަ ބިންހެލުން
2010 ވަނަ އަހަރު ހައިޓީއަށް އައި ބާރުގަދަ ބިންހެލުމެއްގައި ގާތްގަނޑަކަށް 300،000 މީހުން ވަނީ މަރުވެފައެވެ. މިއީ ސިޔާސީ ކޯޅުންތަކާއި ހަމަނުޖެހުންތަކުގެ ތެރޭގައި އޮތް ހައިޓީގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ގޮންޖެހުމެވެ. ބިންހެލުން އައިތާ 10 އަހަރު ފަހުން، މިއަދުވެސް ހައިޓީގެ އާއްމު ހާލަތާއި އިޤްތިޞާދީ ޙާލަތު ރަނގަޅު ނުވާކަން އ.ދ. އިން ވަނީ ރިޕޯޓްކޮށްފައެވެ.
އަވަހާރަކޮށްލެވެނު ރައީސް – ޖޮވެނެލް މޮއިސޭ
ޖޮވެނެލް މޮއިސޭ އަކީ ހައިޓީގައި އުފައްދާ ދޮންކެޔޮ ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ވިޔަފާރި ކުރަމުން އައި މީހެކެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭ ބޭއްވުނު އިންތިޚާބުގައި މޮއިސޭވަނީ ވާދަކޮށް %55 ގެ އަގްލަބިއްޔަތު ހޯދާ ވެރިކަމާ ހަވާލުވެފައެވެ. އެހެންނަމަވެސް ހައިޓީގެ ސިޔާސީ ހަމަނުޖެހުންތަކުގެ ދިގު ތާރީޚް ބަދަލުނުވެ، މޮއިސޭއަށްވެސް ވަނީ އެތައް ބައިވަރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ހައިޓީގެ ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި 2016 ވަނަ އަހަރުގެ އިންތިޚާބު މޮއިސޭ ކާމިޔާބު ކުރުމުގައި ވަނީ ބާރާއި ނުފޫޒު ބޭނުންކޮށްފައެވެ. މިފަދަ ތުހުމަތުތަކާއެކު ހައިޓީގައި މިދިޔަ 2 އަހަރު ދުވަސްތެރޭ ވަނީ މެދުކެނޑުމެއްނެތި ސިޔާސީ މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގާފައެވެ.
7 ފެބްރުއަރީ – ޤާނޫނީ ޚިޔާލް ތަފާފުވުމެއް!
7 ފެބްރުއަރީ 2021 އަކީ ހައިޓީގެ ޤާނޫނު ބުނާގޮތުން މޮއިސޭގެ ދައުރު ނިމި، އައު އިންތިޚާބެއް ބާއްވާ، ވެރިއަކު އައްޔަންކުރެވެން ޖެހޭނެ ދުވަސްކަމަށް ހައިޓީގެ ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް މި ދުވަސް ހިނގާދިޔައިރު ހައިޓީގެ ސަރުކާރުން އިންތިޚާބު ބޭއްވުމުގެ އެއްވެސް މަސައްކަތެއް ހިންގާފައެއްނުވެއެވެ. ހައިޓީގެ ސަރުކާރުން ބުނާގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ހައިޓީގެ ރައީސްކަމާ ހަވާލުވާ ބޭފުޅަކު 7 ފެބްރުއަރީގެ ކުރިން ހަވާލު ނުވެވިއްޖެނަމަ، ދައުރު ގުނަން ފަށާނީ އިންތިޚާބު ބާއްވާ އަހަރުގެ ފެބްރުއަރީމަހުގެ 7 ކުން ފެށިގެންނެވެ. އަދި މޮއިސޭގެ ދައުރު ހަމަވާނެކަމަށް އޭނާގެ އޮފީހުން ނިންމައިފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައެވެ. މޮއިސޭ އަށް ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ، ވޭތުވެދިޔަ މަސްތަކުގައި ހައިޓީގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތައް ކަމަށް ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ސިޔާސީ ގޮތުން މޮއިސޭ އާއި ދެކޮޅަށް އަޑު އުފުލި މީހުން މަގުމަތީގައި ގޮވަމުން ދިޔައީ މޮއިސޭ މިހާރު ކުރަމުން ދަނީ ޑިކްޓޭޓަރޝިޕެއް ކަމަށެވެ.
ނޫސްވެރިންގެ މަރުތައް – ހައިޓީގެ ގޭންގްތަކުގެ ބާރު
މިދިޔަ ޖޫންމަހު ހައިޓީގައި ދެވުނު ބަޑީގެ ހަމަލާތަކުގައި ނޫސްވެރިއަކު ވަނީ މަރާލާފައެވެ. ފާއިތުގެ 3 އަހަރު ހައިޓީގައި މިގޮތަށް އެތައް ބައިވަރު ނޫސްވެރިންނެއްތަކެއް ވަނީ މަރާލާފައެވެ. މިކަމުގެ ފަހަތުގައި ވަނީ ހައިޓީގައި ހަރަކާތްތެރިވާ ގޭނގްތައްކަމަށް އ.ދ. ގެ ރިޕޯޓްތަކުން ވަނީ ހާމަކޮށްފައެވެ. ދާދި ފަހުން ހައިޓީގެ ގޭނގްތަކުގެ ބާރުގެ ދަށުގައި އޮންނަ އަވަށަކަށް ދިޔަ ނޫސްވެރިއަކު ވަނީ ވީނުވީއެއް ނޭނގި ގެއްލުވާލާފައެވެ. 2019 ވަނަ އަހަރު އިތުރު 2 ނޫސްވެރިއަކު މަރާލި ހާދިސާގެ ތަހުގީގު އަދިވެސް އޮތީ ހުއްޓިފައެވެ.
ކޮންމެއަކަސް، ހައިޓީގެ އިޖްތިމާޢީ އަދި ސިޔާސީ ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ އާއްމުންނެއްވަނީ މަރުވެފައެވެ. އަދި މިކަމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ވެސް ޖެހިފައެވެ. ހައިޓީގެ ކަޅު ތާރީޚުގައި ހިނގާފައި ހުރި ކަންތައްތަކަށް ނަޒަރު ހިންގާލާއިރު، ދިވެހިރާއްޖެ ފަދަ ގައުމުތަކުން ފިލާވަޅު ލިބިގަނެ އެކުގައި މަސައްކަތްކޮށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރިކަން ފާހަގަކުރުމަކީ މުހިއްމުކަމެކެވެ.
