"ޔުފޯރިއާ" ސީޒަން 3 ގެ ޕްރިމިއާގައި ބައިވެރިވުމަށްފަހު، ލޮސް އެންޖެލިސްއިން ނިއުޔޯކަށް ދަތުރުކުރި ޑެލްޓާ އެއާލައިންސްގެ ބޯޓަކުން މަޝްހޫރު ބަތަލާ ނަތާޝާ ލިޔޯން ބޭލި މައްސަލަ ހޫނުވެއްޖެއެވެ. ބޯޓުން ބޭލުމަށްފަހު އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އިން އޭނާ ހިފެހެއްޓި ކަމަށް ނަތާޝާ ކުރާ ދައުވާ އެމެރިކާގެ ހޯމް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ބޯޓު ނައްޓާލަން ތައްޔާރުވީއިރު ސީޓް ބެލްޓް އެޅުމަށާއި ލެޕްޓޮޕް ނިއްވާލުމަށް ފްލައިޓް އެޓެންޑަންޓުން އެދުމުންވެސް ނަތާޝާ އެކަމަށް އިޖާބައެއް ނުދެއެވެ. އެކަމާ ގުޅިގެން ބޯޓު އަނބުރާ ގޭޓަށް ގޮސް އޭނާ ވަނީ ބޯޓުން ބާލާފައެވެ. ނަތާޝާ ބުނީ އޭނާ އިނީ ނިދާ ބޭހެއް ކައިގެން ކަމަށާއި، ބޯޓުން ބޭލުމަށްފަހު އައިސް އިން އޭނާ ހިފެހެއްޓި ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކުން ބުނީ އައިސް އިން ނުވަތަ ޓީއެސްއޭ އިންވެސް އޭނާ ހިފަހައްޓާފައި ނުވާ ކަމަށެވެ.

އުމުރުން 47 އަހަރުގެ ބަތަލާއަށް ދިމާވި މި ހާދިސާއާއެކު ގިނަ ބައެއްގެ ސަމާލުކަން މިވަނީ އޭނާއަށް ހުއްޓިފައެވެ. "ޔުފޯރިއާ" ސީޒަން 3 ގެ ޕްރިމިއާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހާދިސާއާ ގުޅިގެން ޑެލްޓާ އެއާލައިންސް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.