ދިވެހިރާއްޖޭގެ އިޤްތިޞާދީ މައިބަދައަކީ ފަތުރުވެރިކަން ކަމަށްވާއިރު، މި ދާއިރާއިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކަކީ ޒުވާނުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ އެއް ދާއިރާއެވެ. ރިސޯޓްތަކުން މަންފާ ބޮޑު ވަޒީފާތަކަށް ޒުވާނުންގެ ޝައުޤުވެރިކަން އިންތިހާއަށް އިތުރުވެފައިވަނީ، މަތީ ތަޢުލީމަށްވުރެ ބޮޑަށް އަވަސް އާމްދަނީއެއް ލިބޭނެ މަގުތަކަށް އިސްކަންދޭތީއެވެ. މިފަދަ ވިސްނުމެއް އުފެދިފައިވަނީ މަތީ ތަޢުލީމަކީ ގިނަ ވަގުތު ހޭދަވާ، ނަތީޖާ ފެންނަން ލަސްވާ އަދި ބޮޑު ޚަރަދެއް ހިނގާ ބުރަ ކަމެއްގެ ގޮތުގައި މިއަދުގެ ޖީލަށް އިހުސާސް ކުރެވޭތީއެވެ. މިކަމުގެ ސަބަބުން ޒުވާނުންގެ ހަކަތައާއި ފިކުރު ތަޢުލީމީ ރޮނގުން ދުރަށް ގޮސް، ހަމައެކަނި ވަގުތީ މާލީ ފުދުންތެރިކަމަކަށް އަމާޒު ހިފުމުގެ ނުރަނގަޅު އާދަ މުޖުތަމަޢުގައި ދަނީ އަށަގަންނަމުންނެވެ (ވޯލްޑް ބޭންކް، 2023).

ރާއްޖޭގެ އެހެން ދާއިރާތަކާ އަޅާބަލާއިރު، ރިސޯޓް ވަޒީފާތަކުން ލިބޭ އާމްދަނީ ނިސްބަތުން ބޮޑުވުމަކީ ޒުވާނުން އެ ދާއިރާއަށް ދެވޭ އެންމެ ބޮޑު އެއް ސަބަބެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ އިތުރުން ލިބޭ ސާވިސް ޗާޖާއި އެހެނިހެން އިނާޔަތްތަކަކީ ޒުވާނުންގެ ހިތްތައް އަތުލާނެ ފަދަ މާލީ މަންފާތަކެކެވެ (ކޯޕަރޭޓް މޯލްޑިވްސް، 2025). ނަމަވެސް، މިފަދަ ވަޒީފާތަކަކީ ދިގު މުއްދަތުގެ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަޒީފާތަކެއް ނޫންކަން ގިނަ ފަހަރަށް އޮންނަނީ ހަނދާން ނެތިފައެވެ. ވަގުތީ އުފަލާއި މާލީ ތަނަވަސްކަމަށްޓަކައި ޒުވާނުންގެ މުސްތަޤުބަލު ބިނާކުރުމަށް އޮތް އެންމެ ވަރުގަދަ ބިންގާ ކަމުގައިވާ ތަޢުލީމު ދޫކޮށްލުމަކީ މިއަދު ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ.

މީގެ އިތުރުން، ރާއްޖޭގައި އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށްޓަކައި ވަގުތީ ވަޒީފާތައް ބެހުމަކީ ޒުވާނުންގެ މަސައްކަތުގެ އަޚްލާޤަށް ނޭދެވޭ އަސަރުކުރާ، އަދި ވަޒީފާގެ ބާޒާރުގެ އިންސާފުވެރިކަން ގެއްލުވާލާ ކަމެކެވެ. މިކަމުގެ ސަބަބުން ޒުވާނުންގެ މެދުގައި ސިޔާސީ ނުފޫޒަށް ބަރޯސާވުމުގެ ސަގާފަތެއް އުފެދި، އަމިއްލަ ހުނަރާއި ތަޢުލީމަށް ބަލައި ވަޒީފާ ދިނުމުގެ މެރިޓް ބޭސްޑް އުސޫލުތައް މުޖުތަމަޢުގައި ބަލިކަށިވެގެންދެއެވެ (ކޯޕަރޭޓް މޯލްޑިވްސް، 2025). މިފަދަ ވަޒީފާތަކަކީ އާންމުކޮށް ދައުރު ބަދަލުވުމުން އުވިގެންދާ ވަޒީފާތަކަށް ވުމުން، ޒުވާނުންނަށް މުސްތަޤުބަލުގައި ކުރިމަތިލާން ޖެހެނީ މާޔޫސްކަމާއެވެ. މިއީ ދިގު މުއްދަތުގައި ޒުވާނުންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

ރަސްމީ ތަޢުލީމު ހާސިލުކުރުމަށް އެތައް އަހަރެއްގެ މިންނެތް މަސައްކަތާއި، ނަފްސާނީ ހިތްވަރާއި، މާލީ އިންވެސްޓްމަންޓް ބޭނުންވެއެވެ. އޭގެ ބަދަލުގައި ރިސޯޓް ވަޒީފާތަކުން ވަގުތުން މުސާރަ ލިބެން ފެށުމަކީ ޒުވާނުން މަތީ ތަޢުލީމަށް ހުރަސްއަޅާ އަދި އެކަމަށް އޮތް ޝައުޤުވެރިކަން މުޅިން ކުޑަކުރާ ކަމެކެވެ (ވޯލްޑް ބޭންކް، 2023). ސްކޫލް ނިންމުމަށްފަހު ވަގުތުން ވަޒީފާއަކަށް ވަދެ، އަމިއްލަ އަތަށް ފައިސާ ލިބުމުން ލިބޭ އުފަލަކީ ތަޢުލީމީ ގޮތުން ކުރިއަށް ދިއުމަށް އޮންނަ ހިތްވަރު އެލުވާލާ ކަމެކެވެ. މި ނިންމުމަކީ ކުރު މުއްދަތަކަށް ބަލާއިރު ފައިދާހުރި ކަމެއްގެ ގޮތުގައި ފެނުނު ކަމުގައިވިޔަސް، ދިގު މުއްދަތުގައި އޭގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކާއި ހުނަރުގެ ދަތިކަން މާ ބޮޑެވެ.

އަވަސް މަންފާއަށް އިސްކަންދިނުމުގެ ސަބަބުން ޒުވާނުންގެ އިޖުތިމާޢީ އަދި ނަފްސާނީ ވިސްނުމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މިއީ ދުރު މުސްތަޤުބަލަށް ރޭވުމުގެ ބަދަލުގައި، މިހާރުން މިހާރަށް ލިބޭ މާއްދީ އެދުންތަކާއި ޒީނަތްތެރިކަމަށް އިސްކަންދިނުމުގެ ސަގާފަތެއް އުފެދިފައިވާކަމުގެ ސާފު ހެއްކެކެވެ (ކޯޕަރޭޓް މޯލްޑިވްސް، 2025). މިފަދަ ބަދަލުތަކުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަމާއި، ދިގު ރާސްތާއަށް އަމާޒު ހިފުމުގެ ސިފަ ގެއްލިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، ވަޒީފާގެ މާހައުލުގައި ދިމާވާ ކުދިކުދި ގޮންޖެހުންތަކަށް ކެތްނުކުރެވި، އަވަސް އަވަހަށް ވަޒީފާ ބަދަލުކުރުމާއި، މަސައްކަތުގެ މާހައުލުގައި ސާބިތުވެ ތިބުމުގެ ގާބިލުކަން ކުޑަވެގެންދެއެވެ.

ހަމައެކަނި ފަތުރުވެރިކަމުގެ ވަޒީފާތަކަށް ބަރޯސާވުމަކީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނުރައްކާތެރި ކަމެކެވެ. ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގެ ސަބަބުން ފަތުރުވެރިކަމުގެ އާމްދަނީ %30 އަށް ދަށަށް ދިއުމުން، މިފަދަ ވަޒީފާތަކުގައި ތިބި ޒުވާނުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން އަޅުގަނޑުމެން ދުށީމެވެ (ވޯލްޑް ބޭންކް، 2023). ރިސޯޓްތައް ބަންދުވެ، ވަޒީފާ ގެއްލުނު ވަގުތު އެކުދިންގެ ކިބައިގައި އެހެން ދާއިރާއަކުން ކުރިއަށް ދާނެ ތަޢުލީމީ ފެންވަރެއް ނެތުމުން، ގިނަ ބަޔަކު ތިބެން ޖެހުނީ ގޮތް ހުސްވެފައެވެ. މި ހާދިސާއިން އެނގިގެންދިޔައީ ތަޢުލީމާއި ހުނަރުގެ ބިންގާ ނެތި ހަމައެކަނި ވަގުތީ ވަޒީފާއަކަށް ބަރޯސާވުމުގެ ނުރައްކާތެރިކަމާއި، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް ތަޢުލީމުގެ މުހިންމުކަމެވެ.

ތަޢުލީމަށް ދޭ ސަމާލުކަން ކުޑަވުމުގެ ސަބަބުން، މަސައްކަތުގެ ބާޒާރަށް ބޭނުންވާ ފަންނީ ހުނަރުތައް ޒުވާނުންގެ ކިބައިގައި ނެތުމުގެ މައްސަލަވެސް ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ. މީގެ ސަބަބުން އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުޞަތު އެކުދިންނަށް ބަންދުވެ، ހަމައެކަނި އެއް ދާއިރާއެއްގެ ދަށު ފަންތީގެ ވަޒީފާތަކުގައި މުޅި އުމުރު ހޭދަކުރަން މަޖުބޫރުވެއެވެ (ވޯލްޑް ބޭންކް، 2023). ފަންނީ އަދި އިދާރީ މަތީ މަޤާމުތަކަށް ބޭރުގެ މީހުން ގެންނަން ޖެހެނީ ދިވެހި ޒުވާނުންގެ ކިބައިގައި އެކަމަށް ބޭނުންވާ ތަޢުލީމީ ސަނަދާއި ހުނަރު ނެތުމުންނެވެ. މިއީ ޤައުމުގެ އުފެއްދުންތެރިކަމަށްވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމުގައި މެނުވީ ނުވާނެއެވެ.

ގިނަ ފަހަރަށް އާއިލާތަކުން ވެސް ބާރުއަޅަނީ ތަޢުލީމު ފުރިހަމަކުރުމުގެ ބަދަލުގައި އަވަހަށް ރިސޯޓް ވަޒީފާއަކަށް ގޮސް އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިއީ މި ދެންނެވި ބަރޯސާވުމުގެ ސިލްސިލާ މެދުކެނޑުމެއް ނެތި ދެމިއޮތުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމުގައި ދިރާސާތަކުން ދައްކައެވެ (ކޯޕަރޭޓް މޯލްޑިވްސް، 2025). އާއިލާގެ މާލީ ހާލަތު ވަގުތުން ރަނގަޅުކުރުމުގެ ނިޔަތުގައި ނިންމާ މި ނިންމުމަކީ ޒުވާނާގެ މުޅި އުމުރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ތަޢުލީމަށް ކުރާ އިންވެސްޓްމަންޓަކީ އާއިލާއަށް ވެސް ދުރު މުސްތަޤުބަލުގައި ލިބޭނެ އެންމެ ބޮޑު ނަފާކަން ގިނަ ބެލެނިވެރިންނަށް މިއަދު ވަނީ ވިސްނައިދޭން ޖެހިފައެވެ.

ސިޔާސީ ގޮތުން ބެހޭ ވަޒީފާތަކުގެ ސަބަބުން، ހަރުދަނާ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެގެންދާކަން ހިތާމައާއެކު ފާހަގަކުރަންޖެހެއެވެ. މީގެ ސަބަބުން އިންސާފުވެރިކަމާއެކު ވަޒީފާ ލިބޭނެކަމުގެ އުއްމީދު ޒުވާނުންގެ ކިބައިން ގެއްލި، ހަމައެކަނި ސިޔާސީ ނުފޫޒެއްގެ ތެރެއިން ވަޒީފާ ހޯދުމުގެ ނުރަނގަޅު އާދަ މުޖުތަމަޢުގައި ވަނީ އަށަގެންފައެވެ (ކޯޕަރޭޓް މޯލްޑިވްސް، 2025). މިއީ މަސައްކަތުގެ މާހައުލުގައި އޮންނަންޖެހޭ ދުޅަހެޔޮ ވާދަވެރިކަމާއި މަސައްކަތުގެ ފެންވަރު ދަށްކޮށްލާ ކަމެކެވެ. ތަޢުލީމާއި ހުނަރަށްވުރެ ބޮޑަށް ސިޔާސީ ވަފާތެރިކަމަށް ބަލައި ވަޒީފާ ދިނުމަކީ ޤައުމުގެ ކުރިއެރުން މަޑުޖައްސާލާނެ ކަމެކެވެ.

ތަޢުލީމަކީ އޭގެ ނަތީޖާ ފެންނަން ވަގުތު ނަގާ ކަމެއް ނަމަވެސް، އެއީ ބަދަލުވަމުންދާ ދުނިޔޭގެ އިޤްތިޞާދެއްގައި ދެމިހުރުމަށް އޮތް އެންމެ ވަރުގަދަ އަދި އެންމެ އިތުބާރު ހުރި އިންވެސްޓްމަންޓެވެ. ތަޢުލީމީ މީހަކަށް ކޮންމެ ހާލަތެއްގައިވެސް ކަންކަމަށް ހޭނުމުގެ ގާބިލުކަން ލިބިގެންވާއިރު، އޭނާގެ ވަޒީފާގެ ރައްކާތެރިކަމާއި ކުރިއަށް ދިއުމުގެ ފުރުޞަތުތައް މާ ބޮޑެވެ (ވޯލްޑް ބޭންކް، 2023). އެހެންކަމުން، ތަޢުލީމަކީ ހަމައެކަނި ކަރުދާސް ސަނަދެއް ހޯދުމެއް ނޫންކަމާއި، އެއީ ހަޔާތުގެ ރައްކާތެރިކަމާއި އަމިއްލަ މިނިވަންކަން ކަން ޒުވާނުންގެ ހިތްތަކަށް ވިސްނައިދޭން ޖެހެއެވެ.

ސަރުކާރުގެ ވަޒީފާތަކަށް އޮންނަ އާދަޔާޚިލާފު ބޮޑު ޑިމާންޑާއި، އަމިއްލަ ދާއިރާގައި ހުރި ފުރުޞަތުތަކާ ދެމެދު އޮތް ބޮޑު ފަރަގަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިއީ ޒުވާނުންގެ ހުނަރާއި ވަޒިފާގެ ބާޒާރުގެ ބޭނުންތައް ދިމާނުވާކަމުގެ ސާފު ހެއްކެކެވެ (ކޯޕަރޭޓް މޯލްޑިވްސް، 2025). ގިނަ ޒުވާނުން ވަޒީފާއެއް ނެތި ތިބެން ޖެހެނީ އެކުދިންގެ ކިބައިގައި ހުންނަ ހުނަރުތަކަކީ މިއަދުގެ ޒަމާނީ ބާޒާރުގައި ޑިމާންޑް އޮތް ހުނަރުތަކަށް ނުވާތީއެވެ. މިކަމުގެ ސަބަބުން ޒުވާނުންގެ މެދުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވެ، އިޖުތިމާޢީ އެތައް މައްސަލަތަކަކަށް މަގުފަހިވެއެވެ.

ރިސޯޓް ދާއިރާއާއި ތަޢުލީމީ ދާއިރާގައި ވެސް އަންހެނުންނަށް ޚާއްޞަ ގޮންޖެހުންތަކެއް ހުރިކަން ދިރާސާތަކުން ފާހަގަކުރެވެއެވެ. މީގެ ސަބަބުން މުޖުތަމަޢުގެ އިޖުތިމާޢީ ހަމަހަމަކަމަށް އަސަރުކޮށް، ޒުވާން އަންހެނުންގެ ކުރިއެރުމަށް ހުރަސްއެޅި، އިޤްތިޞާދީ ހަރަކާތްތަކުގައި އެކަނބަލުންގެ ބައިވެރިވުން ކުޑަވެގެންދެއެވެ (ވޯލްޑް ބޭންކް، 2023). އަންހެނުންނަށް ރިސޯޓް ދާއިރާގައި މަސައްކަތް ކުރުމުގައި ހުރި އިޖުތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން، އެކަނބަލުންނަށް ތަޢުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ބާރެއް ދޭން ޖެހެއެވެ. މިއީ މުޅި ޤައުމުގެ އުފެއްދުންތެރިކަމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ލިބޭ ވަރަށް ބޮޑު އުނިކަމެކެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރެވިފައި ހުންނަނީ ތަޢުލީމަށް ހިތްވަރުދޭނެ ފަދަ އެދެވޭ ގޮތަކަށް ނޫންކަން ހިތާމައާއެކު ފާހަގަކުރަންޖެހެއެވެ. ދެމެހެއްޓެނިވި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގެ ބަދަލުގައި، ގިނަ ފަހަރަށް އިސްކަންދެވެނީ ކުރު މުއްދަތުގެ ސިޔާސީ ނިންމުންތަކަށާއި ވަގުތީ ހައްލުތަކަށް ކަމަށްވުމުން ޒުވާނުންގެ މުސްތަޤުބަލަށް އޮތް ނުރައްކާ ދަނީ ބޮޑުވަމުންނެވެ (ވޯލްޑް ބޭންކް، 2023). ސަރުކާރުގެ ސިޔާސަތުތަކަކީ ޒުވާނުން ތަޢުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް ބާރުއަޅާ، އަދި އެކަމުގެ ސަބަބުން ވަޒީފާގެ ބާޒާރުގައި އެކުދިންނަށް ލިބޭ އިމްތިޔާޒުތައް ބޮޑުވާނެ ފަދަ އުސޫލުތަކަކަށް ވާންޖެހެއެވެ.

މި ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި، މަސައްކަތުގެ ބާޒާރަށް އަމާޒުކޮށްގެން ހުނަރު ތަރައްޤީކުރާ ޕްރޮގްރާމްތަކާއި، މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުޞަތުތައް ޒުވާނުންނަށް ފަސޭހައިން ލިބޭނެ މަގުތައް ސަރުކާރުން ފަހިކުރަންޖެހެއެވެ. ހަމައެހެންމެ، ވަޒީފާ ދިނުމުގެ ނިޒާމަކީ ސިޔާސީ ނުފޫޒުން މުޅިން އެއްކިބާވެފައިވާ، ހަމައެކަނި ތަޢުލީމާއި ހުނަރަށް ބަލައި ވަޒީފާ ދެވޭ އިންސާފުވެރި ނިޒާމަކަށް ހެދުމަކީ ޒުވާނުންގެ އިތުބާރު އަލުން ހޯދުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތެވެ (ވޯލްޑް ބޭންކް، 2023). މިފަދަ ހަރުދަނާ އިސްލާހީ ބަދަލުތަކާއެކު ނޫނީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ހަގީގީ ބައިވެރިވުން އިތުރެއް ނުކުރެވޭނެއެވެ.

ދިވެހި ޒުވާނުން ވަގުތީ ރިސޯޓް ވަޒީފާތަކަށާއި ސިޔާސީ ވަޒީފާތަކަށް ބަރޯސާވުމަކީ ޤައުމީ ތަރައްޤީގެ ދުވެލި މަޑުޖައްސާލާ ބޮޑު ހުރަހެއް ކަމަށެވެ. ތަޢުލީމީ ގޮތުން ހަރުދަނާ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޖީލެއް ބިނާނުކުރެވިއްޖެނަމަ، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރު އަބަދުވެސް އޮންނާނީ ބޭރުގެ މީހުންނަށް ބަރޯސާވެފައިވާ، ނާޒުކު ތަނެއްގެ ގޮތުގައެވެ (ކޯޕަރޭޓް މޯލްޑިވްސް، 2025). އެހެންކަމުން، ތަޢުލީމަށް އިސްކަންދީ، އަމިއްލަ ހުނަރު ތަރައްޤީކުރުމަށް ޒުވާނުންނަށް ހިތްވަރުދީގެން މެނުވީ، ދިވެހިރާއްޖެއަށް އުޖާލާ އަދި ހަމަޖެހޭ މުސްތަޤުބަލެއް ހޯދައެއް ނުދެވޭނެއެވެ.

މަސްދަރުތައް:

. ކޯޕަރޭޓް މޯލްޑިވްސް (2025). އީގަރ ޓު ވޯކް، ނޯވެއަރ ޓު ގޯ: އޭ ޕޯޓްރެއިޓް އޮފް މޯލްޑިވިއަން ޔޫތު އިން ޓުޑޭސް ލޭބަރ މާކެޓް.

. ވޯލްޑް ބޭންކް ގްރޫޕް (2023). އޭ ހެޑް ސްޓާޓް ފޯ ޔޫތު އިން ދަ މޯލްޑިވްސް: ބިލްޑިންގ ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރސް.