އިންސާނަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، ކޮންމެ ވަގުތެއްގައިމެ އޭނާ ހެއްދެވި ފަރާތާ މުޢާމަލާތް ކުރުމުގެ ފުރުޞަތު އޮތުމެވެ. އަޅަމެންގެ ދިރިއުޅުމުގައި ކުރިމަތިވާ ކުދިކުދި ކަންތައްތަކުން ފެށިގެން، ބޮޑެތި ބޭނުންތަކާއި ހިތާމަތަކާ ހަމައަށް ކޮންމެ ކަމެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުން އެހީތެރިކަމަށް އެދި ދެންނެވުމަކީ އަޅުގަނޑުމެންނަށް އޮތް އެންމެ ފަހި މަގެވެ. އެކަލާނގެއީ އަޅުތަކުންގެ ދުޢާތައް އައްސަވައިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.
ދުޢާ ކުރުމަކީ ހަމައެކަނި ބޮޑު ކަމެއް ދިމާވުމުން ކުރާ ކަމެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ސާޢަތެއްގައި، ކޮންމެ ނޭވާއަކާއެކުވެސް އެކަލާނގެ މަތިން ހަނދުމަކޮށް، ބޭނުންވާ ކަންކަމަށް އެދި ދެންނެވިދާނެއެވެ. މިކަމުގެ މުހިންމުކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: "وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ" މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ." މިއީ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ އެންމެ ބޮޑު އުންމީދެވެ.
ﷲ ގެ ހަޟްރަތުން ކަމަކަށް އެދުމުގައި އެއްވެސް މެދުވެރިއަކު ބޭނުމެއް ނުވެއެވެ. އަދި އެދޭ ކަމަކީ ދުނިޔަވީ ކަމެއް ނުވަތަ އާޚިރަތުގެ ކަމެއް ކަމުގައި ވިޔަސް، އެކަލާނގެއަށް ބުރަވެވޮޑިގެންވާ އެއްވެސް ކަމެއް ނުވެއެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވާ ފަދައިން، "ﷲ އަށް ދުޢާކުރާއިރު، ތިބާއަށް އެކަމެއް ކިތަންމެ ބޮޑު ކަމަކަށް ފެނުނަސް، އެކަލާނގެއަށް އެއީ ވަރަށް ކުޑަ ކަމެކެވެ. އެހެންކަމުން ހިތުގެ އިޚްލާޞްތެރިކަމާއެކު ކޮންމެ ކަމަކުވެސް އެދޭށެވެ." މިއީ އަޅުގަނޑުމެންގެ ހިތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ ހަމައެކަނި ބޮޑެތި މުޞީބާތްތަކުގައި ނޫނީ ﷲ އަށް ދެންނެވުން ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ، ކިތައްމެ ކުޑަ ކަމެއް ޖެހުނަސް އެކަމުގައިވެސް ﷲ ގެ އެހީތެރިކަމަށް އެދުމަކީ މުއުމިނުންގެ ސިފައެކެވެ. ތިބާގެ ހިތުގައިވާ ސިއްރުތަކާއި، އުުންމީދުތަކާއި، ބިރުވެރިކަން އެކަލާނގެއަށް ހުށަހެޅުމުން ހިތަށް ލިބޭ ފިނިކަމަކީ އެހެން އެއްވެސް މަޚްލޫޤެއްގެ ފަރާތުން ލިބޭނެ އެއްޗެއް ނޫނެވެ. ކޮންމެ ވަގުތަކީވެސް އެކަލާނގެއަށް ދެންނެވުމަށް އޮތް ފުރުޞަތެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދޮރުކޮޅަކީ އަބަދުވެސް ހުޅުވިފައިވާ ދޮރުކޮޅެކެވެ. އެކަލާނގެއީ އަޅާ ދުޢާކޮށް އެދުމުން އުފާވެވޮޑިގަންނަވާ އަދި ދުޢާ ނުކޮށް ދޫކޮށްލުމުން ކޯފާވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެހެންކަމުން، ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް، ކޮންމެ ބޭނުމަކުވެސް އެކަލާނގެ ހަޟްރަތަށް ދަންނަވާށެވެ. ތިބާގެ ދުޢާ އިޖާބަވުމުގައި ލަސްތަކެއް ވީނަމަވެސް، އެކަލާނގެ ތިބާއަށްޓަކައި އެންމެ ހެޔޮ ގޮތް މިންވަރުކުރައްވާނެކަން ޔަޤީންކުރާށެވެ. އެކަލާނގެއީ ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ.
ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2024.
