ފ. ފީއަލީގައި ދާދި ފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ މަތީ ފަންތީގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފިއެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ވަނީ ހިއްސާކޮށްފައެވެ.

ފުލުހުންގެ ވަފުދުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން މާލެއިން ދިޔަ ހާއްސަ ތަހުގީގު ޓީމަކުން މިހާރުވެސް ދަނީ ރަށުގައި މަސައްކަތް ކުރަމުންނެވެ. މި ބައްދަލުވުމުގައި ފީއަލީ ކައުންސިލުން ވަނީ ހާދިސާ ހިނގި ވަގުތު ކަމާބެހޭ އިދާރާތަކުން ކުރި މަސައްކަތް ފާހަގަކޮށް ތައުރީފުކޮށްފައެވެ. ނަމަވެސް، ރަށުގެ އުމްރާނީ ވަސީލަތްތަކާއި އުޅަނދުފަހަރަށް ލިބުނު ގެއްލުންތަކާ މެދު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ހާލަތު އަދިވެސް ސީރިއަސްއެވެ. އޭނާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާއިރު، މިހާރުވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ފުލުހުން ވަނީ ހާދިސާ ކޮންޓްރޯލް ކުރުމުގައި ފީއަލީ ރައްޔިތުން ދެއްކި ނަމޫނާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.