މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ހީނަރުކަމުން އަރައިގަތުމަށާއި، އަސާސީ ތަކެތި މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޓީގެ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސަޕްލައި ޗެއިންތައް ދެމެހެއްޓުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރު ކޮލޮމްބޯ ބަނދަރުގައި ތޮއްޖެހި، މުދާ ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ އިދާރާތަކުން ކުރި މަސައްކަތުން މިހާރު ވަނީ ރަނގަޅު ނަތީޖާއެއް ފެންނަން ފަށާފައެވެ.

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަކީވެސް ސަރުކާރުގެ ބޮޑު އިސްކަމެއް ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ މުދާ ރާއްޖެއަށް ލިބޭނެ މަގުފަހިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.