ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ޚާއްޞަ މަޝްރޫޢެއް ފަށައިފިއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަމާޒަކީ އެސްޓީއޯގެ އައުޓްލެޓްތަކުން ތެޔޮ ލިބޭ އަގުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުންވެސް ތެޔޮ ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ފަރާތްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް، އެސްޓީއޯ އިން ތެލުގެ އަގު ބޮޑުނުކޮށް ހިފެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން މެދުނުކެނޑި ދިރާސާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަކެތީގެ އަގު އުފުލޭ މައްސަލައަށް ހައްލެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއާއި ރައީސް އޮފީސް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
