މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ ފެށި ދުވަސްކޮޅާ އަޅާބަލާއިރު މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު 25 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. މިއީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ހަނގުރާމައިގެ ސަބަބުން ވޭތުވެދިޔަ 45 ދުވަސްތެރޭ ރާއްޖެއަށް ޝެޑިއުލްކުރި 626 ފްލައިޓް ވަނީ ކެންސަލްވެފައެވެ. މިނިސްޓަރު ވިދާޅުވީ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ފަދަ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް މިހާރު އަލުން ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ އެއާލައިންތަކުން ކުރިން ދުވާލަކު 4 ނުވަތަ 5 ފްލައިޓް ބާއްވަމުން އައި ނަމަވެސް، މިހާރު ދުވާލަކު އަންނަނީ 2 ފްލައިޓް ކަމަށެވެ.

ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދަނީ އެއާލައިންތަކާ ގުޅިގެން ދަތުރުތައް އާންމު ހާލަތަކަށް ގެނައުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.