ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ހިދުމަތަށް ބޭނުންވާ މޮބައިލް އެޕްލިކޭޝަންގެ މަސައްކަތް އެއްކޮށް ނުނިމޭތީ، އެ ހިދުމަތުން އަދިވެސް ފީއެއް ނުނަގާ ގޮތަށް އެމްޓީސީސީން ނިންމައިފިއެވެ. މި ހިދުމަތް ހޯދުމަށް ދުވާލަކު ގާތްގަނޑަކަށް 58،000 ކޯލު ލިބެމުންދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ، ވެބް އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ޓެކްސީގެ އިތުރުން ބަހާއި ފެރީގެ ހިދުމަތްތައްވެސް އެއް އެޕްލިކޭޝަނަކުން ލިބޭނެ "ޓޯޓަލް ސޮލިއުޝަން" އެއް ތައްޔާރުކުރުމެވެ. މި މަޝްރޫއަށް ޖުމްލަ 13 މިލިއަން ރުފިޔާ ހަރަދުވާއިރު، އޭގެ ތެރެއިން ޓެކްސީ އެޕަށް ހާއްސަވަނީ 2 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ދެކެވޭ ވާހަކަތައް ސައުދީ ދޮގުކުރެއްވި ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައެވެ. އެޕްލިކޭޝަން ރަސްމީކޮށް ނިމެންދެން ޓެކްސީގެ ހިދުމަތް ހޯދުމަށް ބޭނުންކުރަން ޖެހޭނީ ހޮޓްލައިން ނަންބަރު 1655 އެވެ.
