ސްޕެއިނާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް، ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކޮށްފިއެވެ.
މިހާރު އުމުރުން 35 އަހަރުގެ ރާމޯސް، ޕީއެސްޖީ އަށް ބަދަލުވީ ރެއާލާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވުމުންނެވެ. 16 އަހަރަށްފަހު ރެއާލް ދޫކޮށްލަން ނިންމީ އައު ކޮންޓްރެކްޓްގެ މަޝްވަރާތައް އެ ކްލަބުން ހުއްޓާލުމުން ކަމަށް ރާމޯސް ވަނީ ބުނެފައެވެ. ރާމޯސް ވަނީ ޕީއެސްޖީއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ސެވިއްޔާ އިން 2005 ވަނަ އަހަރު ރެއާލަށް ބަދަލުވި ރާމޯސް ވަނީ އެ ޓީމަށް 671 މެޗު ކުޅެދީ، 101 ލަނޑުޖަހާފައެވެ. އޭނާ ވަނީ ރެއާލްގައި ހޭދަކުރީ 16 އަހަރުގެ ތެރޭގައި ސްޕެނިޝް ލީގު ފަސް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބު ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު އުފުލާލައިފައެވެ. ސްޕެއިނުގެ ގައުމީ ޓީމާއެކު ދެ ޔޫރޯ އާއި ފީފާ ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައިވާ ރާމޯސް ވަނީ އެ ޓީމަށް 180 މެޗު ކުޅެފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ފަހަކަށްއައިސް އުފެދުނު މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރާމޯސް އަށް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ސްޕެއިނުގެ ސްކޮޑުން ޖާގަނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އަށް އަމާޒުވެފައިވާއިރު، އޭނާ ބުނީ ރާމޯސް އަށް ޓީމުން ފުރުޞަތު ނުދިނީ އަނިޔާގެ ސަބަބުން ކަމަށެވެ.
ރާމޯސް އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ އަށް ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ ލިވަޕޫލަށް ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އާއި އިންޓަ މިލާނާއި ރެއާލަށް ކުރިން ކުޅުނު މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ގެނެސްފައެވެ.
މި އަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއްދެއްކި ނެދަލެންޑްސްގެ ކެޕްޓަން ވައިނަލްޑަމް، ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވިއިރު އެ ޓީމުން ހަކީމީގެ ސޮއި ހޯދީ އިންޓަ އަށް 60 މިލިއަން ޔޫރޯ ދެއްކުމަށްފަހު އެވެ. މީގެއިތުރުން، އިޓަލީގެ ގައުމީ ޓީމުގެ އެއްވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ވަނީ ކުރިއަށް އޮތް ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެފައެވެ.
