ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ސްޓޭޓްފާމާގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހަމަޖައްސާފައެވެ. މި ޒަމާނީ ބަދަލާއެކު، ބޭސްސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުމުގެ އިތުރުން ޑެލިވަރީގެ ކަންކަން އެއް ތަނަކުން ބަލައިލެވޭނެއެވެ.
ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް ވިދާޅުވީ، މިއީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ޒަމާނީ ލުއިފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބޭސް ހޯދުމުގައި އާންމުންނަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، 24 ގަޑިއިރު ޚިދުމަތް ދޭ ހޮޓްލައިން ނަންބަރު 1505 ވެސް މިހާރު ވަނީ ތައާރަފްކޮށްފައެވެ.
ސްޓޭޓްފާމާގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެކަން ކަށަވަރުކުރުމެވެ. މި އައު ޚިދުމަތްތަކުގެ ސަބަބުން ބޭސް ލިބުމުގައި ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
