ހުޅުމާލެ ފޭސް 2 އަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، ހުރިހާ ޓަވަރަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ހުޅުމާލެ ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ހަވީރު 3:21 އިން ފެށިގެން ކަރަންޓު ކެނޑުނީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލުގެ ތެރެއިން ކޭބަލަކަށް ގެއްލުން ވެގެންނެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކޭބަލަށް ގެއްލުން ވެފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވެއެވެ. މި ހާދިސާގެ ސަބަބުން ހިޔާ ޓަވަރުތަކުގެ އިތުރުން ވިނަރެސް ފްލެޓުތަކުން ވެސް ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. މައްސަލަ ހައްލުކޮށް، ހުރިހާ ޓަވަރުތަކަށް 11:30 ހާއިރު ކަރަންޓު ފޯރުކޮށްދީފައިވީ ނަމަވެސް، ބީޗު ސަރަހައްދުގެ ބައެއް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ސަރަހައްދުގެ ކަސްޓަމަރުންނަށް އަލުން ހިދުމަތް ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދަތިތަކާ ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފުންނަށް އާންމުން ދެއްވި އެއްބާރުލުމަށް ސްޓެލްކޯ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ހުޅުމާލެ ފޭސް 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، ގިނަ ޓަވަރުތަކަށް މިހާރު ވަނީ ހިދުމަތް އިއާދަކޮށްފައެވެ. ސްޓެލްކޯ އިން ދަނީ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި މައި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.