ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބާއްވާ 'އައި އެމް މޯލްޑިވްސް ރޯޑްޝޯ' މި މަހު ބޭއްވުމަށް ނިންމައިފިއެވެ. ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އިން ވިޒިޓް މޯލްޑިވްސް އާއި މަޓާޓޯއާ ގުޅިގެން ބާއްވާ މި ރޯޑްޝޯ އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ހޮންކޮންގްގައި އަދި 15 ވަނަ ދުވަހު މެލޭޝިއާގެ ކުއާލަލަމްޕޫރުގައެވެ.
މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 20 ކުންފުންޏަކުން 50 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންސީތައް ހިމެނެއެވެ. މި ރޯޑްޝޯގެ މައިގަނޑު މަގްސަދަކީ އޭޝިއާގެ މާކެޓްތަކުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޗައިނާ މާކެޓުން (ހޮންކޮންގް ހިމެނޭހެން) 12.1 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު، މެލޭޝިއާ މާކެޓުން ވަނީ 25.2 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ފެނިފައެވެ. ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މާކެޓްތަކުގައި އިޝްތިހާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
