ރާއްޖޭގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ މި ދަނޑިވަޅުގައި، ބަލި ޖެހިގެން ހާލު ދެރަވި އުމުރުން 23 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ށ. މިލަންދޫ، ނަބްހާންއެވެ.
ނަބްހާންއަށް ބަލިޖެހިގެން ފުރަތަމަ ފަރުވާ ދީފައިވަނީ މިލަންދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ހާލު ސީރިއަސްވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެއެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ޑެންގީ ހުން ޖެހޭ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 535 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ އެންމެ 60 ކޭސްއެވެ. ބަލި ފެތުރުން އިތުރުވަމުންދާތީ މަދިރިން ރައްކާތެރިވުމަށާއި، ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
