ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން، ކުރިއަށް އޮތް ހަފުތާތަކުގައިވެސް އެ ބައްދަލުވުންތައް ގަވާއިދުން ބާއްވަވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މީޑިއާއާ އޮންނަ ގުޅުން ބަދަހިކުރައްވައި ސީދާ މަޢުލޫމާތު ދެއްވުމަށްޓަކައި، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ވަނީ ކުރިން ނިންމަވާފައެވެ. މިއަދުގެ ބައްދަލުވުން ބާއްވާފައި ނުވި ނަމަވެސް، ހީނާ ވިދާޅުވީ ރަސްމީ ދަތުރުފުޅެއް ނުވަތަ ބަންދު ދުވަހެއް ފަދަ ޚާއްޞަ ސަބަބެއް މެދުވެރި ނުވާނަމަ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ.
ރައީސް މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވަނީ މާރިޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ. ސަރުކާރުގެ ހާމަކަން ބޮޑުކުރުމުގެ ގޮތުން ފެއްޓެވި މި ސިލްސިލާ ބައްދަލުވުންތައް ކުރިއަށް އޮތް ހަފުތާތަކުގައިވެސް ބާއްވާނެކަމުގެ ޔަގީންކަން ރައީސް އޮފީހުން ވަނީ ދީފައެވެ.
