ކޮވިޑް-19ގައި އިންޑިއާއިން ފެނުނު އާ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ، ބަދަލުގައި ސަރުކާރަށް ހެދުނު ގޯސްތަކުގެ ސަބަބުން ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވަނީ ކޮވިޑް-19 ގައި އިންޑިއާގެ ޓާސްކްފޯސް ލީޑްކުރަމުން ގެންދިޔަ ހެލްތު މިނިސްޓަރ 'ހާޝް ވަރްދަން' މަގާމުން އިސްތިއުފާދިންތާ މާގިނަ އިރުތަކެއް ނުވަނީސް އެ މަގާމަށް 'މަންސުޚް ލަކްސްމަން މަންޑަވިޔަ' އައްޔަނުކޮށްފައެވެ.  

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުންގެންދަނީ ކުރީގެ މިނިސްޓަރ ހާޝް ވަރްދަން އަކީ ސިޔާސީގޮތުން ގުރުބާން ކުރެވުނު ކަންބަޅިއެއްކަމަށެވެ. އަދި އެއީ ކޮވިޑް-19 އާއި ދެކޮޅަށް އިންޑިއާގައި އެޅުނު ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުނު ފުރާނަތަކާއި އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތަކުގެ ބަދަލުގައި ސަރުކާރުން ދެއްކި އަގު ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. ކޮވިޑް-19 ގައި އޭޕްރިލް އަދި މެއި މަހު ފެނުނު ދެވަނަ ރާޅުގެ ސަބަބުން 400،000 އަށް ވުރެ ގިނަ މީހުން ވަނީ އިންޑިއާއިން މަރުވެފައެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރެއް ކަމަށްވާ 'ޗިޑަމްބަރަމް' ބުނެފައިވަނީ ކުރީގެ މިނިސްޓަރ މަގާމުން ވަކިކޮށް އާ މިނިސްޓަރެއް މަގާމަށް އައްޔަނު ކުރުމަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި، އަރިހުގައި މަސައްކަތްކުރައްވާ މިނިސްޓަރުން ވަކި ކުރިއަސް ނަތީޖާ ބަދަލެއްނުވާނެ ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ރަނގަޅަށް ކަމެއް ކޮށްފިނަމަ އެކަމުގެ ކްރެޑިޓް ލިބޭނީ ބޮޑުވަޒީރަށް ކަމަށާއި، ގޯސްކޮށް ކަމެއް ގޮއްސި ނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ މިނިސްޓަރުކަން ހާމަވެއްޖެކަމަށެވެ. އަދި  މި ކަމުން ދެންތިބި މިނިސްޓަރުން ފިލާވަޅު ލިބިގަތުމަށް ވަނީ ގޮވާލާފައެވެ.

މައުލޫމާތު ލިބޭގޮތުގައި 15 މިނިސްޓަރުންނާއި 28 ޖޫނިއަރ މިނިސްޓަރުން ވަނީ މިދިޔަ ބުދަ ދުވަހު ކެބިނެޓްގެ ހުވާ ކުރައްވާފައެވެ. މިއީ 2019 ވަނަ އަހަރު ނަރެންދްރާ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ދެވަނަ ފަހަރަށް އިންތިޚާބު ވުމަށްފަހު ކެބިނެޓަށް އައްޔަނުކުރި 12 މިނިސްޓަރެއް މަގާމުން ވަކިކުރުމަށްފަހު ކެބިނެޓަށް އައްޔަނު ކުރި މިނިސްޓަރުންތަކެކެވެ.

ވަކިކުރެވުނު ހެލްތު މިނިސްޓަރުގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ މިނިސްޓަރުކަމުގައި ހުރި 'ރަވީ ޝަންކަރ' ވަކި ކުރައްވައި 'އަޝްވިނި ވައިޝްނާ' ވަނީ މިނިސްޓަރު ކަމަށް އައްޔަނު ކޮށްފައެވެ. މިއީ ޓްވިޓަރ އަދި ސޯޝަލް މީޑިއާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއާ ދެކޮޅަށް އަޑުއުފަލަމުން ދިއުން ހުއްޓުވުމަށް 'ރަވީ ޝަންކަރ' ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ. ރަވީ ގެ އިތުރުން، ސަރުކާރުގެ ތަރުޖަމާން އަދި ތެލާބެހޭ މިނިސްޓަރ ވެސް ވަނީ ބުދަ ދުވަހު ބަދަލުކޮށްފައެވެ. ނިމިދިޔަ އޭޕްރީލްމަހު މޯދީގެ ބީ.ޖޭ.ޕީ ޕާޓީއަށް ވަނީ ބެންގަލްގެ އިންތިޚާބެއް ނާކާމިޔާބުވެ މާޔޫސްކަމާ ކުރިމަތިލާންޖެހިފައެވެ.