މިއަދުގެ ހަލުވި ދުނިޔޭގައި، ހަމައެކަނި އަދާކުރާ ވަޒީފާއިން ލިބޭ މުސާރައިން ދިރިއުޅުމުގެ ހުރިހާ ޚަރަދުތަކެއް ހަމަޖެއްސުމަކީ ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ވަޒީފާގެ އިތުރުން އާމްދަނީއެއް ލިބޭނޭ އިތުރު މަސައްކަތެއް ކުރުމަކީ މިއަދު ދިވެހި މުޖުތަމަޢުގެ ގިނަ ބައެއްގެ އުންމީދަކަށް ވަނީ ވެފައެވެ. މިކަމުގެ ސަބަބުން މާލީ ފުދުންތެރިކަން އިތުރުވެ، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދެއެވެ.

އިތުރު އާމްދަނީއެއް ހޯދަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުން ދިއުމެވެ. ޚާއްޞަކޮށް ކުލީގެ ޚަރަދާއި، މުދަލާއި ޚިދުމަތުގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން، މަހު މުސާރަ އަތަށް ލިބޭއިރު އޭގެ ބޮޑު ބައެއް ޚަރަދުވެގެންދެއެވެ. އެހެންކަމުން، އާއިލީ ޒިންމާތައް އަދާކުރުމަށާއި، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ފައިސާ ރައްކާކުރުމަށްޓަކައި، މައި ވަޒީފާގެ ބޭރުން މަސައްކަތެއް ކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. (އައި.އެމް.އެފް 2024)

ދިރާސީ ނަޒަރަކުން ބަލާއިރު، އިތުރު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަކީ ހަމައެކަނި ފައިސާގެ މަންފާއަށް ކުރާ ކަމެއް ނޫނެވެ. މިއީ އަމިއްލަ ހުނަރުތައް ތަރައްޤީކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. މިސާލަކަށް، އަމިއްލަ މަސައްކަތެއް ފެށުމުން، ވިޔަފާރި ހިންގުމުގެ ހުނަރާއި، މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން އިތުރުވެގެންދެއެވެ. މީގެ އިތުރުން، އެއް ވަޒީފާއަކަށް ބަރޯސާވުމުގެ ބަދަލުގައި އާމްދަނީ ލިބޭނެ އެހެން ދޮރުތަކެއް ހުޅުވިފައި ހުރުމަކީ މާލީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމެކެވެ.

ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އިންޓަރނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އިތުރު އާމްދަނީ ހޯދުމުގެ މަގުތައް ވަނީ ތަނަވަސްވެފައެވެ. ގޭގައި ތިބެގެން އޮންލައިންކޮށް ތަކެތި ވިއްކުމާއި، ފްރީލާންސް މަސައްކަތްތައް ކުރުމާއި، ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކުން ފަދަ ކަންކަމަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަންކަމެވެ. ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން މިފަދަ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ، ޤައުމުގެ އިޤްތިޞާދަށް އެހީތެރިވަމުންދާކަން ފާހަގަކުރެވެއެވެ. (ވޯރލްޑް ބޭންކު 2025).

ވަޒީފާގެ އިތުރުން އާމްދަނީއެއް ލިބޭނޭ މަސައްކަތެއް ކުރުމަކީ މިއަދުގެ އިޤްތިޞާދީ ޙާލަތު ހުރިގޮތުން ކޮންމެ މީހަކަށްމެ މުހިންމު ކަމެކެވެ. މިއީ ހަމައެކަނި މާލީ ތަނަވަސްކަން ހޯދުމަށް ކުރާ ކަމެއް ނޫނެވެ. އެހެނަސް މިއީ އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުވެ، ހީވާގި މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން، ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ކުރާ ކޮންމެ މަސައްކަތަކީ ބަރަކާތްތެރި އަދި ފައިދާހުރި މަސައްކަތެކެވެ.

ހަވާލާ:

. އައި.އެމް.އެފް 2024

. ވޯރލްޑް ބޭންކް 2025