ދުނިޔޭގެ މޭވާތަކުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ އަނބަކީ މީގެ 5،000 އަހަރަށްވުރެ ކުރިން އިންޑިޔާ ބައްރުގެ އިރުއުތުރު ސަރަހައްދުތަކުން (މިހާރުގެ އިންޑިޔާ، ބަނގްލަދޭޝް އަދި މިޔަންމާ) ފެނިފައިވާ މޭވާއެކެވެ. އިންސާނުންގެ ހިޖުރަކުރުމާއި ވިޔަފާރީގެ ތެރެއިން މީލާދީން 300 އާއި 400 އާ ދެމެދުގެ އަހަރުތަކުގައި އަނބުގެ އޮށްތައް މެދުއިރުމައްޗާއި، އިރުމަތީ އެފްރިކާ އަދި ދެކުނު އެމެރިކާއަށް ފޯރިއެވެ. އަދި 1600 ގެ އަހަރުތަކުގައި ސްޕެއިންގެ ދަތުރުވެރިން މެކްސިކޯއަށް މި މޭވާ ތައާރަފުކުރިއެވެ. ސަގާފީ ގޮތުން ބަލާއިރު، އިންޑިޔާގައި އަނބަކީ ލޯތްބާއި ރަހުމަތްތެރިކަމުގެ ރަމްޒެކެވެ. އެގޮތުން އިންޑިޔާގައި އަނބު ވަށިގަނޑެއް ހަދިޔާކުރުމަކީ ގާތްކަމުގެ ނިޝާނެއް ކަމުގައި ބެލެވޭއިރު، އެގައުމުގެ މަޝްހޫރު "ޕޭޒްލީ" ފަރުމާއަކީ ވެސް އަނބުގެ ބައްޓަމަށް ބިނާކޮށް އުފެދިފައިވާ ކުރެހުމެކެވެ.
މިއަދު އަނބަކީ އިންޑިޔާ، ޕާކިސްތާން އަދި ފިލިޕީންސްގެ ގައުމީ މޭވާއެވެ. އަދި ބަނގްލަދޭޝްގެ ގައުމީ ގަހަކީ ވެސް އަނބުގަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިޒާއި، ފޮނިމީރުކަމާއި، ކުލައިގެ ގޮތުން ތަފާތު އެތައް ސަތޭކަ ބާވަތެއްގެ އަނބު ހެދެއެވެ. މި މޭވާއަކީ އޭގެ ތާރީޚީ ދަތުރާއި، ސަގާފީ ފުންމިނުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް އެއްމެ މަގުބޫލު އެއް މޭވާއެވެ.
ހަވާލާ: ބްރިޓަންނިކާ 2007.
