ރާއްޖޭގެ ބާޒާރަށް މުދާ ގެނައުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފްލައި ދުބާއީއިން ރާއްޖެއަށް ޚާއްޞަ "ކާގޯ އިން ކެބިން" ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސަރވިސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވީ، މި މަހުގެ 16 އިން 29 އަށް ކުރިއަށްގެންދާ މި ދަތުރުތަކަކީ މަތިންދާބޯޓުގެ ކެބިން ތެރޭގައި މުދާ ބަރުކޮށްގެން ކުރާ ޚާއްޞަ އޮޕަރޭޝަނެއް ކަމަށެވެ. މި ދަތުރުތައް ކުރާނީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ބޭރުގެ ބަނދަރުތަކުގައި މުދާ ތާށިވާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ސްރީލަންކާ ބަނދަރުގައި ތާށިވެފައި ހުރި 4,241 ކޮންޓެއިނަރުގެ ތެރެއިން ބޮޑު ބައެއް މިހާރު ކްލިއާ ކުރެވި، އެ އަދަދު 1,741 އަށް ދަށްކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކުރުމަށް ސަރުކާރުން ކުރާ މި މަސައްކަތުގެ ސަބަބުން، ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި މުދާ ލިބުމަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.