ސިފައިންގޭގައި 9 އަހަރު ޚިދުމަތްކުރުމަށްފަހު އިބްރާހީމް ޙަސަން އެމްޕީއެލްއާ ގުޅުނީ ތަފާތު ތަޖުރިބާއެއްކޮށްލުމުގެ ގޮތުންނެވެ. އެއީ މީގެ 25 އަހަރު ކުރިންނެވެ. 

އެމްޕީއެލްއާ ގުޅުނުއިރުވެސް އިބްރާހީމް ޙަސަން ވަނީ އޭނާ ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަޖުރިބާތަކެއް ހޯދާފައެވެ. އެގޮތުން އިންޑިއާގައި ކޮލެޖު އޮފް މިލިޓަރީ އިންޖިނިއަރިންގައި އޭނާ ތަމްރީންތަކެއް ފުރިހަމަކޮށްފައިވެއެވެ. އަދި އެމްޕީއެލްއާ ގުޅުނު ފަހުން މެލޭޝިއާގައި ހައިޑްރޯލިކް ފިޓިންއާ ގުޅޭ ތަމްރީންތަކެއްވެސް އިބްރާހީމް ހަސަން ފުރިހަމަކޮށްފައިވެއެވެ. 

އެމްޕީއެލްގެ ފުރަތަމަ ވަޒީފާއަށް އިބްރާހީމް ޙަސަން ނިކުތީ 2000 ވަނަ އަހަރުގެ އޮގަސްޓް 3 ވަނަ ދުވަހު އެވެ. ޓެކްނީޝަނެއްގެ ގޮތުގައި އެމްޕީއެލްއާ ގުޅުނު އިބްރާހީމް ޙަސަން މިއަދު ހުރީ ޑެޕިއުޓީ މެއިންޓަނަންސް އިންޖިނިއަރެއްގެ ގޮތުގައި މެކޭނިކަލް އިންޖިނިއަރިންގ ޑިޕާޓްމަންޓްގެ މެޝިން އެންޑް ފެބްރިކޭޝަން ޔުނިޓުގައެވެ. 


"މެޝިން އެންޑް ފެބްރިކޭޝަނުން މިކޮށްދޭ މަސައްކަތްތަކަކީ މިސާލަކަށް ހައިޑްރޯލިކް ފިޓިން، އެއަށް ބޭނުންވާ ހައިޑްރޯލިކް ހޮޅިތައް ހެދުމާއި އަދި އިންޖީނުގެ ބައެއް މިސަލާކަށް ސޯބެއް އެއްޗެއް ހަލާކުވެއްޖިއްޔާ އެ އެތި ފެބްރިކޭޓް ކުރުމާއި އަދި އިންޖީނުތެރޭ ހިމެނޭ އެހިނެން ބައިތައްވެސް އަޅުގަނޑުމެން ފެބްރިކޭޓްކޮށް ހަދަން،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.

އިބްރާހީމް ހަސަންގެ މިހާރުގެ މައިގަނޑު ޒިންމާ އަކީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކޮށް އެ މަސައްކަތްތައް ދުވަހުން ދުވަހަށް ފުރިހަމަކުރޭތޯ ބެލުމާއި މުވައްޒަފުންނަށް ތަމްރީންތައް ދިނުމެވެ. އެކަމަކު އެމްޕީއެލްގައި މިވަގުތު ޖާގަ ހުރި ގޮތުންނާއި ވަސީލަތްތައް ހުރި ގޮތުން ތަމްރީންތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް އެކަންކުރުމުގައި ދަތިތައް ހުރި ކަމަށްވެސް އިބްރާހީމް ހަސަން ވިދާޅުވި އެވެ.

"މެޝިން އެންޑް ފެބްރިކޭޝަނުން އަޅުގަނޑުމެން އިންޓާންޝިޕް ޕްރޮގްރާމުތަކަށް، ކުދިންނަށްވެސް އެބަކިޔަވައިދެން. އެގޮތުން މިހާރު ހަތަރު ވަރަކަށް ބެޗް އަޅުގަނޑުމެން ޓްރެއިންކޮށްފިން. ކޮންމެ ބެޗަކަށްވެސް ފުދޭވަރަކަށް ކުދިން ކުރިމަތިލާ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފުރުސަތު މިދެވެނީ ތަންކޮޅެއް މަދުކުދިންނަށް ތަނުގެ ދަތިކަމާ ހެދި،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.

ވަޒީފާއެއްގައި ކުރިއަށްގޮސް ހަރުދަނާ ދިރިއުޅުމެއް ބޭނުންވާ ކޮންމެ ޒުވާނަކަށްވެސް އެމްޕީއެލްއަކީ އެތައް ފުރުސަތެއް ހުރި ތަނެއް ކަމަށްވާތީ ޒުވާނުން އެމްޕީއެލްގެ ވަޒީފާތައް އިހްތިޔާރު ކުރުމަށް އިބްރާހީމް ހަސަން ވަނީ އެދިފަ އެވެ.