ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް އިލްކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން މި މަހުގެ 29 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ހާޒިރުވެގެންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު މުޙައްމަދު ސިނާން އިސްލާމިކް ބޭންކުން ނެންގެވި 2.5 މިލިއަން ރުފިޔާގެ ލޯނަކަށް ދައްކަންޖެހޭ ފައިސާ، ކޯޓު ހުކުމާ އެއްގޮތަށް ނުދައްކަވާ އޮތުމުން ސާބިތު ދަރަންޏެއް އޮތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ.
ގާނޫނުއަސާސީ ބުނާގޮތުން މަޖިލިސް މެންބަރެއްގެ މައްޗަށް އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރާނަމަ މެންބަރުކަމުގެ ޝަރުތު އުނިވާނެއެވެ.
